އެމެރިކާގައި މުސްކުޅިން ކަމަށް ހެދިގެން ކޮވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން އުޅުނު ދެ އަންހެނަކު ހައްޔަރުކޮށްފި އެވެ.

އެ ދެ މީހުން ހައްޔަރު ކޮށްފައިވާކަން ފްލޮރިޑާ ޑިޕާޓްމެންޓް އޮފް ހެލްތް އިން އޮރެންޖް ކައުންޓީގެ ޑިރެކްޓަރު ވަނީ ޔަގީންކޮށްދެއްވާފަ އެވެ.

އެ ދެ މީހުން ވެކްސިން ޖެހުމަށް ވެކްސިނޭޝަން ސައިޓަށް ދިޔައީ މުސްކުޅިން ބޮލުގައި އަޅާ ޒާތުގެ ތޮތްޕެއް އަޅައިގެން، އަތަށް އަންގި ލައްވައިގެން އަދި އައިނު ވެސް އަޅައިގެން ކަމަށް ޑރ. ރައުލް ޕިކޯ ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފަ އެވެ.

ޝެރިފް އޮފީހުން ބުނިގޮތުގައި އެއީ 44 އަހަރާއި 34 އަހަރުގެ ދެ އަންހެނުންނެވެ.

ޕީނޯ ވިދާޅުވި ގޮތުގައި އެ ދެ މީހުންގެ އަތުގައި ވެސް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާ ކަމުގެ ސައްހަ ވެކްސިން ކާޑު އޮތެވެ. އެހެން ނަމަވެސް އެ މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ދީފައި ނުވަނީ އައިޑީ ކާޑާއި އަޅައިގެން ތިބި ހެދުމަށް ބަލާފައި އެއްގޮތް ކަމެއް ނެތުމުންނެވެ.

ސިއްހީ އޮފިޝަލުން ބުނީ އެމީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިގޮތެއް ޔަގީންނުވާ ކަމަށާއި އޭރު ވެސް ވެކްސިން ޖެހީ މުސްކުޅިން ކަމަށް ހެދިގެން ކަމެއް ވެސް ޔަގީން ނުވާ ކަމަށެވެ.

ޕީނޯ ވިދާޅުވީ މިކަމާ ގުޅިގެން ވެކްސިނޭޝަން ސައިޓްގެ ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަަމަށެވެ.

"ވެކްސިނަކީ މިހާރު އެންމެންވެސް އެންމެ ބޭނުންވާ އެކަތި. އެހެން ނަމަވެސް ލިބޭ ފަންޑާއި ރިސޯސްތަކަށް ބަލާފައި ވެކްސިން ދިނުމާ މެދު ވަރަށް ފަރުވާތެރިވާން ޖެހޭ،" ޕީނޯ ވިދާޅުވި އެވެ.

އޮރެންޖް ކައުންޓީ ޝެރިފްގެ އޮފީހުން ބުނި ގޮތުގައި ސިއްހީ އޮފިޝަލލުން އެ އަންހެނުންގެ މައްސަލަ ހުށައެޅީ ވެކްސިން ޖެހުމަށް ރަޖިސްޓްރީވި އުފަން ތާރީހާއި އައިޑީކާޑުގައި ވާ އުފަން ތާރީހު އެއްގޮތް ނުވުމުންނެވެ.

މިހާރު ފްލޮރިޑާގައި ވެކްސިން ދިނުމުގައި އިސްކަން ދެމުންދަނީ އުމުރުން 65 އަހަރަށް ވުރެ މަތީ މީހުންނާއި، ބޮޑެތި ބަލިތަކަށް ބޭސްކުރާ ފަރާތްތަކުގެ އިތުރުން ސިއްހީ ހިދުމަތްދޭ ފަރާތްތަކަށެވެ.

މިހާރު އެމެރިކާއަށް ދިމާވެފައިވާ ސްނޯގެ ތޫފާނާއެކު ފްލޮރިޑާއަށް ވެސް ވެކްސިންގެ ޝިޕްމެންޓްތައް ލިބުން ވަނީ ލަސްވެފަ އެވެ.