ރާއްޖޭގައި ތިބި ފަންނުވެރިން ކުރާ މަސައްކަތާއި އުފައްދާފައިވާ އުފެއްދުންތައް ޓީވީތަކާއި ރޭޑިއޯތަކުން ހިލޭ ދެއްކުން ހުއްޓާލައި، އެ އުފެއްދުންތަކަށް ރޯޔަލްޓީއެއް ލިބެން ޖެހޭ ކަމަށް ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމް ބުނެފި އެވެ.
ޓީވީއެމްގެ "މޯލްޑިވިއަން އައިޑޮލް" އިން ވިދާލި ޒުވާން ލަވަކިޔުންތެރިޔާ ޝަލަބީ އޭނާގެ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ޓީވީ އަދި ރޭޑިއޯ އިން ފަންނުވެރިން ހަދާފައި ހުންނަ އޯޑިއޯ، ވީޑިއޯ ކޮންމެ ޕްލޭއަކަށް 5 ރުފިޔާ ނުވަތަ އެ ކަނޑައެޅިފައި އޮންނަ އަގެއް ނަގަން ޖެހޭ ކަމަށާއި އެހެނިހެން ކޮމާޝަލް ބޭނުމަށް ބޭނުން ކުރާ ނަމަވެސް އަގެއް ލިބެން ޖެހޭ ކަމަށެވެ.
"ޓީވީ އަދި ރޭޑިއޯ އިން އަޅުގަނޑުމެން ފަންނުވެރީން ހަދާފައި ހުންނަ އޯޑިއޯ، ވީޑިއޯ ކޮންމެ ޕްލޭއަކަށް ފަސް ރުފިޔާ (ނުވަތަ އެ ކަނޑައެޅިފައި އޮންނަ އަގެއް) އިނގިރޭސި ބަހުން ނަމަ (ރޯޔަލްޓީ) ނަގަން އެބަޖެހޭ. އަދި އެހެނިހެން ކޮމާޝަލް ބޭނުމަށް ބޭނުން ކުރާ ނަމަވެސް ރޯޔަލްޓީ ލިބެންޖެހޭ،" ޝަލަބީގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.
ޝަލަބީ އިތުރަށް ބުނީ ސަރުކާރުތައް ކިތަންމެ ވަރަކަށް ބަދަލުވި ނަމަވެސް ފަންނުވެރިންގެ އުފެއްދުންތައް ބޭނުން ކުރާއިރު، އެ މީހުންނަށް މަންފާއެއް ނުކުރާނަމަ ފަންނުވެރީން ކުރި ނާރާނެ ކަމަށެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ފަންނުވެރިންގެ އުފެއްދުންތައް ޓީވީ ޗެނެލްތަކުންނާއި ރޭޑިއޯ ސްޓޭޝަންތަކުން ބޭނުން ކުރާއިރު ފަންނުވެރިންނަށް އޭގެ މަންފާ ކުރާ ކަމަށް ޝަލަބީގެ ޕޯސްޓްގައި ވަނީ ލިޔެފަ އެވެ.
"ހިލޭ ސާބަހަށް ފަންނުވެރިންގެ މަސައްކަތްތައް ދައްކާ ދެއްކުން ނިމުމަކަށް ގެންނަންވެއްޖެ،" ޝަލަބީ ބުންޏެވެ.
ޝަލަބީގެ މި ކަންބޮވުން ސޯޝަލް މީޑިއާގައި ފާޅުކޮށްފައިވާއިރު، މީގެ ކުރިން ބައެއް ފަންނާނުން ވަނީ މިފަދަ ޝަކުވާކޮށްފަ އެވެ.
ރާއްޖޭގައި ކޮޕީރައިޓުގެ ގާނޫނެއް މިހާރު ވެސް އޮވެ އެވެ. ދެހާސް ދިހަ ވަނަ އަހަރު ފާސްކުރި އެ ގާނޫނުގައި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތް ކޮށްދިނުމާއި އެފަދަ ހައްގަކަށް އުނިކަމެއް ލިބިއްޖެ ނަމަ ކަނޑައަޅާނެ އަދަބުތައް ހިމަނައިފައިވެ އެވެ.
ރާއްޖޭގެ ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތައް ހިމާޔަތްކޮށްދީ ދިވެހި ފަންނުވެރިންނާއި އުފެއްދުންތެރިންގެ އުފެއްދުންތައް ހިމާޔަތް ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ވަނީ މަގުޗާޓެއް އެކުލަވައިލައްވައިފަ އެވެ.