ހަތަރުވަނަ ސިވިލް ސާވިސް ކޮންފަރެންސް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ "ސްމާޓް ގަވާނަންސް ފޯ ސިވިލް ސާވިސް އެކްސެލެންސް" ގެ ޝިއާރުގެ ދަށުން އަންނަ މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ދިހަ ވަނަ ދުވަހުގެ ނިޔަލަށް ކޮންފަރެންސް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. މިކޮންފަރެންސް ކުރިއަށްދާނީ ދަރުބާރޫގޭގައި ކަމަށް ވެސް އެ ކޮމިޝަނުން ބުނެ އެވެ.
މި ގޮތުން، ސިވިލް ސާވިސްގެ އިންތިޒާމްތައް ރޭވިފައިވާ ގޮތްތައް ދިރާސާކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ދެނެގަނެ އެކަށައެޅުމަށް ޓަކައި ކޮންމެ ދެ އަހަރުން އެއް އަހަރު ސިވިލް ސާވިސް ކޮންފަރެންސްގެ ނަމުގައި ސިލްސިލާކޮށް ބާއްވަމުން ގެންދާ ކޮންފަރެންސެކެވެ.
"ސްމާޓް ގަވާނަންސް ފޯ ސިވިލް ސާވިސް އެކްސެލެންސް" މި ޝިއާރުގެ ދަށުން ގުޅުންހުރި 3 ދާއިރާއަކުން 15 ކަރުދާހެއް މި ކޮންފަރެންސްގައި ހުށަހަޅާނެ ކަމަށް ވެސް އެކޮމިޝަނުން ބުނެ އެވެ. އަދި ރާއްޖެއިން ބޭރުގެ ދެ އަދި ރާއްޖޭގެ ދެ ސްޕީކަރުން މި ކޮންފަރެންސްގައި ކީނޯޓް ސްޕީޗް ދެއްވާނެ ކަމަށް ވެސް ސިވިލް ސާވިސް ކޮމިޝަނުން ބުނެ އެވެ.
ކޮންފަރެންސްގެ ސަބްތީމްތަކުގެ ގޮތުގައި ކަނޑައެޅިފައިވާ 3 ޝިއާރަކީ، ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި އޮފީހުގެ އެކިކަހަލަ މަސައްކަތްތަކާއި ޕްރޮސީޖަރތައް ބަދަލުކޮށް ހަރުދަނާކުރުމާއި، ރައްޔިތުންނަށް ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވޭ ޒިންމާދާރު އަދި ޖަވާބުދާރީވެވޭ ސިވިލް ސާވިސްއެއް ގާއިމުކުރުމުގެ އިތުރުން، ހަރުދަނާ އުސޫލްތަކާއި އަހްލާގީ މިންގަނޑުތަކަށް ބިނާކޮށް މަސައްކަތުގެ ސަޤާފަތް ބައްޓަންކުރުމެވެ.
ސިވިލް ސާވިސް ކޮމިޝަނުން ބުނިގޮތުގައި މި ކޮންފަރެންސްގައި ސިވިލް ސާވިސްގެ އެންމެ އިސް ފަންތީގައި މަސައްކަތްކުރާ 250 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ އެވެ. މީގެ ތެރޭގައި މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނާއި ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުން، ސިޓީތަކާއި އަތޮޅު ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުން އަދި ނައިބުން، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ހިމެނޭ ގޮތަށް 113 އަށް ވުރެ ގިނަ ފަރާތްތަކުން މި ކޮންފަރެންސްގައި ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.