ދަރިން ތަރުބިއްޔަތު ކުރުމަކީ މުޖުތަމައުގައި ހައްސާސް މައުޝޫ އެކެވެ. އެކި ބެލެނިވެރިންގެ ހިޔާލު މިކަމުގައި ތަފާތުވެ އެވެ. ދަރިން ތަރުބިއްޔަތު ކުރަން ގެންގުޅޭ އުކުޅުތައް އެކި އާއިލާތަކުގައި ތަފާތުވެ އެވެ.
ނަތީޖާއަކަށްވަނީ ބައެއް ފަހަރު ދޭދޭ ބެލެނިވެރިން ދަރިން ތަރުބިއްޔަތު ކުރަން ގެންގުޅޭ އުކުޅުތަކަށް ފާޑުކިޔުމެވެ. ފާޅުގައި މައިންބަފައިން ގެންގުޅެނީ ގޯސް އުކުޅުތަކެއް ކަމަށް ބުނެ ކުޑައިމީސް ކުރުމެވެ.
އެންމެ ފުރަތަމަ ކަމަކަށް ދަރިން ހޯދާ އުމުރަށް ބަލާލަމާ ހެއްޔެވެ؟ ބައެއް މީހުން އުމުރުގެ ކުރީކޮޅު ކައިވެނިކޮށް ދަރިން ހޯދާއިރު ބައެއް މީހުން އާއިލާއެއް ފައްޓަނީ އުމުރުން 30ގެ އަހަރުތަކުގަ އެވެ.
މިއިން އެއް ގޮތަކީ އަނެއް ގޮތަށްވުރެ ރަނގަޅު ގޮތެކޭ ބުނެވޭކަށް ނެތެވެ. ދަރިން ހޯދަން އެންމެ ރަނގަޅީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަދި މާލީ ގޮތުން އެކަމަށް ތައްޔާރު ވުމުންނެވެ. އެއީ ކޮންމެ އުމުރެއް ވިޔަސްމެ އެވެ.
ދެން އޮތީ ދަރިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭ އުކުޅުތަކެވެ. ކޮންމެ އާއިލާއަކީ ވެސް ތަފާތު އާއިލާއަކަށް ވާއިރު އާއިލާއެއްގެ ދިރިއުޅުމުގެ ހާލަތު ވެސް ތަފާތުވާނެ އެވެ.
ތިމާގެ ދަރިންނަށް ތިމާ ކުރާ ހަރަދާއި ދޭ ވަގުތާއި އެއްވަރަށް އެހެން އާއިލާއަކަށް އެ ކަންކަން ނުކުރެވިދާނެ އެވެ. އެހެން ނަމަވެސް އެއީ އެ އާއިލާގެ ހާލަތަށް ފާޑުކިޔައި ކުޑައިމީސް ކުރަންވީ ކަމެއް ނޫނެވެ.
މީގެ އިތުރުން ދަރިން ތަރުބިއްޔަތު ކުރުމުގައި ހަރުކަށިކަން ގެންގުޅެންވާ މިންވަރު ވެސް ކަނޑައަޅާނީ އެ ކުއްޖެއްގެ މައިންބަފައިންނެވެ. ބައެއް އާއިލާތަކުން ދަރިންނަށް ވަކި ކަންކަން މަނާ ކުރަނީ އެ ދަރިންގެ މުސްތަގްބަލަށް ވިސްނާފައި ކަމަށްވާއިރު ބެލެނިވެރިންގެ އެ ނިންމުމަށް އެހެން އާއިލާތަކުން އިހުތިރާމް ކުރަން ޖެހެ އެވެ.
ވިސްނާލަންޖެހޭ އަނެއްކަމަކީ ދުނިޔެއަށް އަންނަ ތަރައްގީއާއެކު ދަރިން ތަރުބިއްޔަތު ކުރުމަށްވެސް ބަދަލުތަކެއް ގެންނަންޖެހޭ ކަމެވެ. ބަވަނަ ވަމުން އަންނަ ދުނިޔެއަށް ދަރިން ތައްޔާރު ކުރުމަށްޓަކައި މީގެ ކުރީގެ ޖީލުތަކުގެ ބެލެނިވެރިން ބޭނުންނުކުރާ އެތައް ކަމެއް މިއަދުގެ ބެލެނިވެރިން ކުރަން ޖެހެ އެވެ.
މުޖުތަމައުގައި މުހިއްމު ކަމަކީ އެކަކު އަނެކަކު ދަށްކޮށް ކުޑައިމީސް ކުރުމުގެ ބަދަލުގައި އިހުތިރާމްކޮށް އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމެވެ.