އަރާރުންވުމާއި ޒުވާބު ކުރުން ގިނަ މާހައުލެއްގައި ބޮޑުވާނަމަ ދިގު މުއްދަތުގައި ދަރިންނަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށް މާހިރުން އަބަދުވެސް ބުނެ އެވެ.
ބޮޑުވަމުން އަންނައިރު ގޭތެރެއިންނާއި އާއިލާ ތެރެއިން ލޯތްބާއި އިހުތިރާމްގެ ނަމޫނާ ފެނުމަކީ މުސްތަގުބަލުގައި އެ ކުދިންގެ ގުޅުންތަކަށް އޭގެ ހެޔޮ އަސަރު ކުރުވާނެ ކަމެކެވެ.
ބޮޑުވަމުން އަންނަ ޅަ ސިކުނޑިތަކުން ނަގައިގަންނާނީ އެއިރަކު އެ ކުއްޖެއްގެ ވަށައިގެން ހިނގަމުން އަންނަ ކަންކަމާއި ފެންނަ މަންޒަރުތަކެވެ. އެހެން ކަމުން ދަރިންގެ ކުރިމަތީގައި އެފަދަ ނަމޫނާ ދެއްކުމަކީ އެ ދަރިންގެ މުސްތަގުބަލަށް މުހިއްމު ކަމެކެވެ.
އެހެން ނަމަވެސް އޭގެ ބަދަލުގައި ދަރިންގެ ކުރިމަތީގައި އަރައިރުންވެ ޖަދަލު ކުރާނަމަ އެކަމުން ދަރިންގެ ނަފްސާނީ ސިއްހަތަށް ނޭދެވޭ އަސަރުކޮށް ޒާތީ ގުޅުންތަކުގައި ކުރާ އިތުބާރު ކުޑަވެ އެވެ.
ނަތީޖާއަކަށް ވަނީ ބޮޑުވުމަށްފަހު އަމިއްލަ ދިރިއުޅުމެއް ފަށާއިރު ބައިވެރިޔާއަށް ދޭންވާ ގަދަރާއި އިހުތިރާމް ނުދެވި ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ބައިވެރިޔާއަށް އަނިޔާ ދެވުމެވެ.
ދެމަފިރިންގެ ދެމެދުގައި ދެބަސްވުމާއި ހިޔާލު ތަފާތުވުންތައް ވެސް ކުރިމަތިވާނެ އެވެ. އެހެން ނަމަވެސް އެ ކަންކަން ދަރިންނަށް ނުދައްކައި ހައްލު ކުރުމަކީ އެކުދިންގެ ނަފްސާނީ ސިއްހަތަށް ވަރަށް މުހިއްމު ކަމެކެވެ.