ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ހިންގާ ގަތުލުއާންމުތަކާ ދެކޮޅަށް މާލޭގައި މިއަދު ހަވީރު އެއްވުމެއް ބާއްވައިފި އެވެ.
އިސްރާ އެސޯސިއޭޝަނުން އިސްނަގައިގެން މަދަނީ ޖަމިއްޔާތައް ގުޅިގެން "ރަފަހު އަނދަނީ" ގެ ނަމުގައި މިއެއްވުން ބާއްވާފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުގަ އެވެ.
މި އެއްވުމުގައި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ބައިވެރިވަޑައިގެންނެވި އެވެ. މީގެ އިތުރުން ރާއްޖޭގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތަކުން ވެސް ބައިވެރިވި އެވެ.
ފަލަސްތީނުގެ ގާޒާގައި އިޒްރޭލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ދިވެހިންގެ ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިޒްރޭލުގެ އަނިޔާވެރި ސިފައިން ފަލަސްތީނުގެ ގާޒާގެ އެތައް ހާސް ބަޔަކު ދިިރިއުޅެމުންދާ ރަފަހުގެ ޓެންޓުތަަކަށް ދެ ފަހަރެއްގެ މަތިން ހަމަލާދީ އާންމުންގެ އެތައް ބަޔަކު ޝަހީދުކޮށްލާފައިވެ އެވެ. އެ ސަރަހައްދަކީ ހަމަލާތަކުން ރައްކާތެރި ސޭފް ޒޯނެއް ކަމަށް، ޔަހޫދީ އިޒްރޭލުން ބައިނަލްއަގުވާމީ ދުނިޔެއަށް ދައްކަމުންދިޔަ ސަރަޙައްދެކެވެ.
މިދިޔަ އޮކްޓޯބަރު މަހު އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ފެށި ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވެ އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އެ އުދުވާނީ ހަމަލާތަކުގެ ސަބަބުން 80،000 އަށްވުރެ ގިނަ މީހުން ޒަހަމްވެ ބަލި ހާލަތުގައި އަދިވެސް އެބަތިއްބެވެ. އަދި 10،000 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.