ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަން އުވާލައިފި އެވެ.
އެ ކޮމިޝަން އުވާލާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނެރުއްވި ގަރާރަކުންނެވެ.
ރައީސް މުއިއްޒުގެ ގަރާރުގައި ވަނީ މަރު ކޮމިޝަންގެ މަސައްކަތްތައް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެ ކޮމިޝަންގެ ހޯދުންތައް އާންމުކުރަން ޖަމިއްޔާތަކުން ވަނީ ގޮވާލާފަ އެވެ. ނަމަވެސް މިހާތަނަށް އެފަދަ ނިންމުންތައް ސަރުކާރުން ހާމަކޮށްފައެއްނުވެ އެވެ.
މަރު ކޮމިޝަނުން ތަހުގީގުކުރި މައްސަލަތަކުގެ ތެރޭގައި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އާއި ނޫސްވެރިޔާ އަހްމަދު ރިލްވާން އަބްދުﷲ ރަހީނުކޮށް މަރާލި މައްސަލަ ހިމެނެ އެވެ. އެ ދެ މަރު ވެސް ގުޅެނީ ދީނީ ގޮތުން ހަރުކަށި ފިކުރާ ކަމަށް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.
އެ ކޮމިޝަނުން ކުރި ތަހުގީގެއްގެ މައްޗަށް ބިނާކޮށް ނޫސްވެރިޔާ ރިލްވާނާއި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން ރަޝީދުގެ މަރާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ދައުވާކޮށްފައިވެ އެވެ. އެއީ އެ ދެ މީހުންނަށް ފާރަލިކަން ސީސީޓީވީ ފުޓޭޖުން އެނގެން ހުރި މީހުންނެވެ.

ސައުދީއަށް ހަނދު ނުފެނުނު
ރާއްޖެއަށް ވެސް އީދު ދުވަހަކީ ހުކުރު ދުވަސް
އަލިފާނުގެ ހާދިސާއާ ގުޅިގެން 4 ގެއަކުން 32 މީހަކަށް ވަގުތީ ހިޔާ
