ޓީވީ އެކްޓްރެސް ދަލްޖީތު ކައުރްއާއި އޭނާގެ ފިރިމީހާ ނިއްކިލް ޕަޓޭލް ވަރިވާން އުޅޭ ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައި ނިއްކިލް ދަލްޖީތުއަށް އިންޒާރު ދީފި އެވެ.

ނިއްކިލް ދަލްޖީތުއަށް އިންޒާރު ދީފައިވަނީ އޭނާއާ ބެހޭ ގޮތުން ދޮގު މައުލޫމާތު ފަތުރާތީ ދަލްޖީތުއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެވެ.

ދަލްޖީތު ވަނީ މީގެ ދެ ދުވަސް ކުރިން އޭނާގެ ކައިވެންޏާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފަ އެވެ. އެގޮތުން ނިއްކިލްގެ ފަރާތުން އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބުނު ކަމަށް ދަލްޖީތު ބުންޏެވެ.

އެ ދެމީހުން ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރު އެވެ. ކައިވެންޏަށްފަހު ދަލްޖީތު އެކްޓިން ދޫކޮށް ކެންޔާއަށް އޭނާގެ ދިރިއުޅުން ބަދަލު ކުރި އެވެ. އެހެން ނަމަވެސް މާ ގިނަ ދުވަހެއް ނުވެ ދަލްޖީތު ވަނީ އަނބުރާ އައިސްފަ އެވެ.

ދަލްޖީތު އާއްމުންގެ ތެރޭގައި މަޝްހޫރުވެފައިވަނީ ކާމިޔާބު ސީރީޒް "އިސް ޕްޔާރުކޯ ކިޔާ ނާމް ދޫން"ގައި އޭނާ ދައްކުވައިދިން އަންޖެލީގެ ރޯލުންނެވެ.