ޖަރުމަން މި އަހަރު ފަށާ ޔޫރޯ މުބާރާތަކީ ޔޫރަޕްގެ ފުޓްބޯޅައިގެ އުންމީދީ ގިނަ ކުޅުންތެރިންތަކަކަށް ޔޫރަޕްގެ ސަރަހައްދީ މުބާރާތުގެ ފުރަތަމަ ތަޖުރިބާ އެވެ. މީގެ ތެރެއިން ގިނަ ކުޅުންތެރިންނަކީ ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގައި މިހާރު ވެސް ވިދުންގަދަ ތަރިންނެވެ. އެކަަމަކު ގައުމީ ޓީމާއެކު ވެސް ރަނގަޅު ކާމިޔާބެއް ހޯދުމަކީ މިއިން ކޮންމެ ކުޅުންތެރިއެއް ވެސް ދެކޭނެ ހުވަފެނެކެވެ. މި ލިޔުމުގައި މި ބަލާލަނީ މި އަހަރުގެ ޔޫރޯގައި ފެނިގެންދާނެ އެންމެ އުންމީދީ ޒުވާން ތަރިންނަށެވެ.

ޖޫޑް ބެލިންގްހަމް (އިންގްލެންޑް)

ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގައި ބެލިންގްހަމްއަކީ މިހާރު ސަޕޯޓަރުންގެ މެދުގައި ފަރިތަ ނަމެކެވެ. އިންގްލެންޑާއެކު މި އަހަރު ޔޫރޯއަށް ބެލިންގްހަމް ނުކުންނަނީ ރެއާލް މެޑްރިޑާއެކު ކާމިޔާބު ސީޒަނެއް ހޭދަކުރުމަށްފަހު އެވެ. ރެއާލްގައި ހޭދަކުރި ފުރަތަމަ ސީޒަންގައި ވެސް އޭނާ ވަނީ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލަލީގާގެ ތަށި ހޯދައިފަ އެވެ. ބެލިންގްހަމްއަކީ ނިމިގެންދިޔަ ލަލީގާގެ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.

މި ފަހަރުގެ ޔޫރޯގައި ވިދާލާނެ ކަމަށް ބެލެވޭ ޒުވާން ތަރިންގެ ތެރޭގައި ހިމެނޭ އިނގިރޭސިވިލާތުގެ ޖޫޑް ބެލިންގްހަމް.

ބެލިންގްހަމްގެ އުމުރުން އަދި އެންމެ 20 އަހަރެވެ. ކެރިއަރުގެ ބޮޑު ބައި އަދި އޮތީ ކުރިއަށެވެ. އެކަމަކު އެހާ ޅަ އުމުރެއްގައި ވެސް ބެލިންގްހަމްގެ ފަރާތުން ފެންނަމުންދާ ހުނަރާއި، ކޮލިޓީއަަށް ބަލާއިރު އޭނާއަކީ އިންގްލެންޑަށް މުހިންމު ކުޅުންތެރިއަކަށްވާނެ އެވެ.

ފްލޯރިއަން ވިޓްޒް (ޖަރުމަން)

މި ވަގުތު ޖަރުމަން ބުންޑަސްލީގާގައި ހުރި އެންމެ އުންމީދީ ކުޅުންތެރިއަކީ ފްލޯރިއަން ވިޓްޒް އެވެ. މި ސީޒަންގެ ޖަރުމަން ބުންޑަސް ލީގާ އާއި ޖަރުމަން ކަޕްގެ ބަޔާ ލޭވަލޫސަން އިން ކާމިޔާބުކުރިއިރު، ވިޓްޒް ވަނީ މުހިންމު ދައުރެއް އަދަކޮށްފަ އެވެ.

ލޭވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯގެ އިރުޝާދުގެ ދަށުން ވިޓްޒް ،20، ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދައިފަ އެވެ. މި ސީޒަންގައި ވިޓްޒް ދެއްކި މޮޅު ކުޅުމާއެކު ޔޫރަޕްގެ ބޮޑެތި ކްލަބުތަކުގެ ލޯ ވަނީ އޭނާ އަށް އަމާޒުވެފަ އެެވެ.

ޖަރުމަން ބުންޑަސްލީގާގައި ހުރި އެންމެ އުންމީދީ ކުޅުންތެރިއަކީ ފްލޯރިއަން ވިޓްޒް

ޖަރުމަންގެ އަމިއްލަ ގައުމުގައި މި އަހަރު ކުޅޭ ޔޫރޯއަށް ޖަރުމަންގެ ކޯޗު ޖޫލިއަން ނާގަލްސްމަން ހަދާފައިވާ ރޭވުންތަކުގައި ވިޓްޒްގެ ރޯލު ބޮޑުވާނެ އެވެ. ޖަރުމަންގެ ގައުމީ ޓީމުގައި ވެސް ވިޓްޒް ވިދާލުމަކީ އެ ޓީމުގެ ހުރިހާ ސަޕޯޓަރުންގެ ވެސް އުންމީދެވެ.

ޒަވީ ސިމޮންސް (ނެދަލޭންޑްސް)

ނެދަލޭންޑްސްއަށް އުފަންވިޔަސް، ވަރަށް ހަގު އުމުރަކުން ފެށިގެން ޒަވީ ސިމޮންސްގެ ފުޓްބޯޅައިގެ ހުނަރުތައް ފައްކާކުރީ ބާސެލޯނާގެ "ލަ މާސިއާ" އެކެޑަމީންނެެވެ. ބާސާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ނަމަވެސް، ސީނިއާ ކެރިއަރު ހަމައަކަށް އެޅުވުމަށް ޒަވީއަށް ވަގުތު ބޭނުންވި އެވެ.

ލޯނު އެއްބަސްވުމެއްގައި މިދިޔަ ސީޒަންގައި އާރްބީ ލައިޒްގަށް ކުޅެ، ޒަވީ ،21، ވަނީ އޭނާގެ ފެންވަރު ދައްކާލައިފަ އެވެ. ދެބަސްވުމެއް ވެސް ނެތް ގޮތުގައި ޒަވީ އަކީ ހުނަރުން ފުރިފައިވާ ކުޅުންތެރިއެކެވެ. މި އަހަރު ޔޫރޯގައި ނެދަލޭންޑްސްގެ ގައުމީ ޓީމަށްވެސް ރަނގަޅު ފޯމެއްގައިހުރެ ކުޅުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެކެވެ.

ލަމީން ޔަމާލް (ސްޕެއިން)

ބާސެލޯނާގެ ތާރީހުގައި ވެސް ސީނިއާ އަށް ޓީމަށް ކުޅުނު އަދި ލަނޑެއްޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތީ އުމުރުން 16 އަހަރުގެ ލަމީން ޔަމާލްގެ އަތުގަ އެވެ. ބާސެލޯނާގެ ޔޫތު ޓީމުން ނިކުތް ޔަމާލަށް އުމުރުން 16 އަހަރުގައި ބާސާގެ ސީނިއާ ޓީމާއި ސްޕެއިންގެ ސީނިއާ ޓީމުން ޖާގަ ލިބުނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އުމުރުން ކިތަންމެ ހަގަސް، ޔަމާލްގެ ފަރާތުން ފެނިގެންދަނީ ތަފާތު މޮޅު ކުޅުމެކެވެ.

ޔަމާލްއަށް ސްޕެއިންގެ ގައުމީ ޓީމުން އެންމެ ފުރަތަމަ ޖާގަ ލިބުނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. މި އަހަރުގެ ޔޫޜޯގައި ޖަމާލް ބައިަނލްއަގުވަމީ މުބާރާތެއްގައި ސްޕެއިން ތަމްސީލުކުރާނެ ފުރަތަމަ ފަހަރެވެ.

ކެނަން ޔިލްޑީޒް (ތުރުކީ)

ޖަރުމަންގެ ބަޔާން މިއުނިކާއެކު ހެދި ކޮންޓުރެކްޓް 2022 ވަނަ އަހަރު ޖުލައި މަހު ހަމަވުމާއެކު، އޭރު އެންމެ 17 އަހަރުގެ ޔިލްޑީޒް ނިންމީ އެ ކްލަބު ދޫކޮށް އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވެފަ އެވެ. އެއީ ފަހަރެއްގައި އޭނާ ކެރިއަރުގައި މުހިންމު ނިންމުމަކަށްވުން ގާތެވެ. ޔުވެންޓަސްގައި ޔިލްޑީޒް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އުމުރުން 19 އަަަަހަރުގެ ޔިލްޑީޒް ހުނަރުވެރި ކުޅުންތެރިއެކެވެ. މި އަހަރުގެ ޔޫރޯގައި ތުރުކީގެ މައިގަނޑު މީހަކަށްވާނީ ޔިލްޑީޒެވެ.