ކުރިއަށް އޮތް މުސްތަގްބަލުގައި އާޓިފިޝަލް ޓެކްނޮލޮޖީ އިންސާނުންނާ އަރާ ހަމަ ކުރާނެ ކަމަށް މާހިރުން ވަނީ މީގެ ކުރިން ވެސް ވަނީ ބުނެފަ އެވެ. މިއޮތީ ވެސް އޭގެ ފުރިހަމަ މިސާލެކެވެ. "މިސް ވޯލްޑް"އާއި "މިސް ޔުނިވާސް" ރީތީގެ މުބާރާތުގެ ވާހަކަ އާއްމުކޮށް އަޑު އަހަމު އެވެ. މިފަހަރު މިއޮތީ އާޓިފިޝަލް އިންޓެލިޖެންސް ރޮބޮޓުންނަށް ހާއްސަ "މިސް އޭއައި" މުބާރާތެވެ.

ވޯލްޑް އޭއައި ކްރިއޭޓާ އެވޯޑްސްއިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ ރީތީގެ އެ މުބާރާތުގެ ގަދަ 10 ރޮބޮޓް މިހާރު ވަނީ ހޮވާފަ އެވެ.

އެ މުބާރާތުގެ ގަދަ 10 ހޮވާފައިވަނީ މުބާރާތުގައި ބައިވެރިވުމަށް އެދި ހުށައެޅި 15،000 ހުށައެޅުމުގެ ތެރެއިން ޝޯޓްލިސްޓް ކުރެވުނު ރޮބޮޓުންގެ މެދުގައި އިންސާފު ކުރެވިގެންނެވެ.

ހަބަރުތައް ބުނާ ގޮތުގައި މި މުބާރާތުގައި ބައިވެރިވި ރޮބޮޓުންނަކީ އެކި ދާއިރާތަކުގައި އިންސާނުންނަށް އަތް ގާތް ކޮށްދިނުމުގައި ހަރަކާތްތެރިވާ ރޮބޮޓުންނެވެ.

މުބާރާތުގެ އެއްވަނަ ހޮވުމުގައި ބަލާނީ އޭއައިގެ އިންޓަފޭސް ޑިޒައިންއަށާއި ހާޑްވެއާ ފީޗާސްއަށް ކަމަށް ވެސް ހަބަރުތަކުގައި ބުނެފައިވެ އެވެ.

މި މުބާރާތުގައި އެއްވަނައަށް ދާ ރޮބޮޓެއް އުފެއްދި ކުންފުންޏަކަށް ޖުމްލަ 20،000 ޑޮލަރުގެ އިނާމެއް އިންތިޒާމުކުރާ ފަރާތުން ހުށައަޅާފައިވެ އެވެ.