އިންގްލެންޑަށް ބައިނަލްއަގުވަމީ ފުޓްބޯޅައިގެ ބޮޑު މުބާރާތެއް ކާމިޔާބުނުކުރެވޭތާ 58 އަހަރުވެއްޖެ އެވެ.

އިންގްލެންޑަށް ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ކާމިޔާބަށް ދެއްކެން އޮތީ އަމިއްލަ ގައުމުގައި ކުޅޭ، 1966 ވަނަ އަހަރު ކާމިޔާބުރި ވޯލްޑް ކަޕެވެ. އޭގެ ފަހުން ބައިނަލްއަޤްވާމީ މުބާރާތްތަކަށް އިންގްލެންޑް އިން ނުކުންނަނީ ފޮނި އުންމީދުތަކާއެކު އެވެ. ނުފޫޒުގަދަ އިނގިރޭސި މީޑިއާ އިން ކޮންމެ މުބާރަތަކަށް ވެސް ވަރަށް "ފޯރި" އަރުވަ އެވެ. އެކަމަކު އިންގްލެންޑަށް ކުރިމަތިވެފައި ވަނީ ނާކާމިޔާބެވެ. ކޮންމެ ނާކާމިޔާބެއް ފަހުން، އިންގްލެންޑްގެ މީޑިއާގެ "ހަމަލާ"ތައް އަމާޒުވަނީ ޓީމަށެވެ.

އިންގްލެންޑް އިން މި ފަހަރުގެ ޔޫރޯއަށް ވެސް ނުކުންނާނީ ފޭވަރިޓުންގެ ގޮތުގަ އެވެ. އޭގެ ސަބަބުތައް ގިނަ އެވެ. އިނގިރޭސި ޕްރިމިއާ ލީގަކީ މިހާރު ދުނިޔޭގެ އެންމެ ވަރުގަދަ އެއް ލީގެވެ. ލީގުގެ މަގްބޫލުކަން ބޮޑުވެ، ކްލަބުތަކުން މާލީ ގާބިލްކަން އިތުރުވެއްޖެ އެވެ. އިންގްލެންޑްގަައި މިހާރު ދުނިޔޭގެ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ. ކެޕްޓަން ހެރީ ކޭން އާއި މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް އަދި މެންޗެސްޓާ ސިޓީގެ ފިލް ފޯޑަންއަކީ މި ބުނި ކުޅުންތެރިންގެ ލިސްޓުގެ ތެރެއިން މަދު ނަންތަކެކެވެ.

ފުޓްބޯޅައިގެ މުއްސަނދި ތާރީހެއް އޮތް ނަމަވެސް، ހައިރާންވާންޖެހޭ ކަމަކީ އަދި މިހާތަނަށް އިންގްލެންޑަށް ޔޫރޯގެ މުބާރާތެއް ކާމިޔާބު ނުކުރެވޭކަމެވެ. މިހާތަނަށް އެންމެ ގާތްކުރީ 2020 ވަނަ އަހަރުގެ ޔޫރޯގަ އެވެ. އެ އަހަރުގެ މުބާރާތުގެ ފައިނަލަށް އިންގްލެންޑް ދަތުރުކުރި އެވެ. އެކަމަކު ފައިނަލްގައި އިޓަލީ އަތުން އިންގްލެންޑް ވަނީ ބަލިވެފަ އެވެ. ޕެނަލްޓީ އިޓަލީ އަތުން ފައިނަލްގައި ބަލިވުމަކީ ޔޫރޯއެއްގައި އިންގްލެންޑަށް މިހާތަނަށް ކުރިމަތިވި އެންމެ ހިތްދަތި ނަތީޖާ އެވެ.

އޭގެ ކުރިން ޔޫރޯއެއްގައި އިންގްލެންޑަށް ލިބިފައިވާ އެންމެ ރަނގަޅު ނަތީޖާއަކީ 1968 ވަނަ އަހަރުގެ މުބާރާތުގެ ތިން ވަނަ ހޯދުމެވެ. އޭގެ ފަހުން ޔޫރޯގެ 8 މުބާރާތުގައި އިންގްލެންޑް ކުޅުނުއިރު، (2020 ވަނަ އަހަރުގެ މުބާރާތް ފިޔަވައި) އިންގްލެންޑް ސެމީ ފައިނަލާ ހަމައަށް ދަތުރުކުރީ އެއް ފަހަރެވެ. ކުއާޓާ ފައިނަލަށް ދެ ފަހަރު ދަތުރުކުރިއިރު، މުބާރާތުގެ ސްޓޭޖުން އިންގްލެންޑް ވަނީ ތިން ފަހަރު ކަޓައިފަ އެވެ.

ޖުމްލަކޮށް ބަލާނަަމަ، ޔޫރޯއަކީ މިހާތަނަށް އިންގްލެންޑަށް ބަދު ނަސީބު މުބާރާތެކެވެ. އެކަމަކު އެކަން ބަދަލުކޮށްލަން އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓަށް މި ފަހަރު އޮތީ ވަރުގަދަ ސްކޮޑެކެވެ. ފޯމުތިބި، މޮޅެތި ގިނަ ކުޅުންތެރިންތަކެއް އެބަތިއްބެވެ.

މި އަހަރުގެ ޔޫޜޯގެ ގުރޫޕް ސީގައި އިންގްލެންޑާއެކު އޮތީ ސްލޮވީނިއާ، ޑެންމާކް އަދި ސާބިއާ އެވެ. މި ގްރޫޕުން އިންްގްލެންޑް ދެވަނަ ބުރަށް ދާނެ ކަމަށް ބެލެވެ އެވެ. އެ ޓީމު އޮތީ މި ގުރޫޕްގެ ފޭވަރިޓުންގެ ގޮތުގަ އެވެ.

ސުވާލަކީ ސަޕޯޓަރުންނާއި މީޑިއާގެ ޕްރެޝަރާއެކު ވެސް އިންގްލެންޑަށް ތައްޓާ ހަމައަށް ދެވިދާނެތޯ؟ އިންގްލެންޑްގެ ސްކޮޑުގެ ފެންވަރާމެދު ސުވާލެއް ނެތެވެ. ދެން އޮތީ ސަޕޯޓަރުންނާއި މީޑިއާ އިން ބޭނުންވާ ނަތީޖާ ނެރުމެވެ.