މިހާރު ކުރިއަށްދާ ހަތުރޯންކީ ކިލާޅީގެ 14 ވަނަ ސީޒަން ވެފައި ވަނީ މައްސަލަ ބޮޑު ޝޯއަކަށެވެ. އެގޮތުން ޝޯގެ ހުށައެޅުންތެރިޔާ ރޯހިތު ޝެޓީއާއެކު ހިނގި އަރާރުންވުމަކަށްފަހު އާސިމް ރިއާޒް ޝޯއިން ވަކިވުމަށް އެންގި އެވެ.

އެހެން ނަމަވެސް އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުގައި ރޯހިތުގެ ކިބައިން އާސިމް މައާފަށް އެދި އޭނާ މިހާރު ވަނީ އަނބުރާ ޝޯއާ ގުޅިފަ އެވެ. އެގޮތުން ރޯހިތުއާއި އާސިމްގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލުވެ ރޯހިތު އާސިމްއަށް މައާފު ވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި އަރާރުންވުން ހިނގަން މެދުވެރިވީ ޝޯގެ ތެރެއިން ކުރަން ޖެހުނު ސްޓަންޓެއް މާ ނުރައްކާތެރި ކަމަށް ބުނެ އެކަން ކުރުމަށް އާސިމް އިންކާރު ކުރުމުންނެވެ. މައްސަލަ ގޯސްވެ، ޝޯގެ އެހެން ބައިވެރިންނަށް ވެސް އާސިމްގެ ބަހުގެ ހަމަލާތަކެއް އަމާޒުވި އެވެ.

މިފަހަރުގެ ސީޒަންގައި އާސިމްގެ އިތުރުން ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި ޝިލްޕާ ޝިންޑޭ، އަބީޝޭކް ކުމާރު، ގަޝްމީރު މަހާޖަނީ އަދި ނިމްރިތު ކައުރު އަހުލުވާލިއާ ހިމެނެ އެވެ.