އާދައިގެ މީހަކަށް ދުވަސްތައް ހިނގަމުންދާއިރު ގަޑީގެ ކަށީގައި ހުންނަ މަދު ސިކުންތު ކޮޅުގެ ފަރަގަކީ މާބޮޑު އެއްޗެއް ކަމަށް ނުވެދާނެ އެވެ. ގިނަ ބަޔަކަށް އެވަރުގެ ތަފާތެއް ފާހަގަ ނުވެސް ކުރެވޭނެ އެވެ. އެކަމަކު ދުނިޔޭގެ ގަޑި ބަލަހައްޓާ މީހުންނަށް ގަޑީގެ ފަޅި ސިކުންތަކީ ވެސް މުހިންމު އެއްޗަކަށް ވަނީ ވެފަ އެވެ.
ޓެކްނޮލޮޖީގެ ޒަރީއާއިން ދުނިޔެއަށް އަންނަ ތަރައްގީއާއެކު އެކަމުގެ މުހިންމުކަން ވަނީ ބޮޑުވެފަ އެވެ. ހަނދަށް ޚާއްސަ ގަޑިއެއް ތައްޔާރު ކުރުމުގައި ގޮތްތަކެއް ނިންމުމަށް ސައިންސްވެރިންގެ މެދުގައި މަޝްވަރާ ފަށައިގެން އުޅޭ ސަބަބަކީ އެއީ އެވެ.
ހަނދަށް ގަޑިއެއް ފޮނުވުމޭ ބުންޏަސް އޭގެ މާނައަކީ ހަނދުގައި ބެހެއްޓުމަށް ގަޑިއެއް ހަދާފައި ފޮނުވުމެއް ނޫނެވެ. ސައިންސްވެރިންގެ ކުރިމަތީގައި ހަނދުގެ ވަގުތު ވަކި ގޮތަކަށް ބަލަހައްޓައި އެކަމާ ބެހޭ ގޮތްތަކެއް ކަނޑައެޅުމަށް މަޖުބޫރު ކުރުވާފަދަ ހާލަތަކަށް ކަންތައް ދިއުމުގެ ސަބަބުން އެފަދަ ނިޒާމެއް ކަނޑައެޅުމުގެ މަސައްކަތް ކުރަނީ އެވެ.
ހަނދުގައި ގާއިމުކުރާ ވަގުތުގެ ނިޒާމަކީ ދުނިޔޭގެ ވަގުތާ ހަނދުގެ ވަގުތު ގުޅުވައިގެން ގަޑި ބެލެހެއްޓުމުގެ ބަދަލުގައި ހަނދަށް ވަކި ޚާއްސަ ވަގުތުގެ ނިޒާމެއް ގާއިމު ކުރުމުވެ. އެފަދަ ނިޒާމެއްގެ ބޭނުމަކީ ހަނދުގެ ތިމާވެއްޓާ ދައުރުވުމާ ގުޅޭ ޚާއްސަ، ވަގުތު ބެލުމުގެ ނިޒާމަކަށް އެނިޒާމު ބައްޓަން ކުރުމެވެ.
ދުނިޔޭގެ ގަޑި ހަނދަށް ފިޓު ނުވާ މައިގަނޑު ސަބަބަކީ ހަނދުގައި ހުންނަ ލުއި ގްރެވިޓީގެ ސަބަބުން ގަޑީގެ ސިކުންތު ހިނގުން ލަސްވުމެވެ. ހަނދަށް ޚާއްސަ ކޮށްގެން އުފައްދާ ގަޑީގެ ނިޒާމުގައި ދުނިޔޭގެ ގަޑިއަށް ވުރެ ދުވާލަކު 56 މައިކްރޯ ސިކުންތު ކުރުވާނެ އެވެ. މި މިންވަރަކީ އާދައިގެ ދިރިއުޅުމުގައި ފާހަގަ ކުރެވޭނެ މިންވަރަކަށް ނުވިކަމުގައި ވިޔަސް ޖައްވީ ދަތުރު ފަދަ މުއާސަލާތްތަކަށް އެއީ ވަރަށް މުހިންމު މިންވަރަކަށް ވާނެ ކަމެކެވެ.
ހަނދުގައި ވަކިން ޚާއްސަ ގަޑިއެއް މުހިންމުވާ ސަބަބަކީ ހަނދަށް އިންސާނުން ފޮނުވައި ހަނދުގައި ތަފާތު އޮޕަރޭޝަންތަކެއް ހިންގަން ދުނިޔޭގެ ބައެއް ގައުމުތަކުން މަސައްކަތް ފަށާފައިވުމެވެ. ހަނދާގުޅޭ މިފަދަ މުއާސަލާތުތަކުގައާއި ހަނދުގައި ހިންގާ އެކިއެކި މުއާމަލާތްތަކަށް މިފަދަ ގަޑީގެ ނިޒާމެއް ކޮންމެހެން ބޭނުންވާނެ އެވެ. ސަބަބަކީ މުއާސަލާތު ކުރުމުގައި ދިމާވެދާނެ މިލި ސކުންތެއްގެ ފަރަގަކުން ހަނދުގައި ހިންގާ އޮޕަރޭޝަންތަކަށް ބުރޫއަރައި ކިތަންމެ ބޮޑު އެކްސިޑެންޓެއް ވެސް ހިނގައިފާނެތީ އެވެ.
ކަމުގެ މުހިނމުކަމާއި ބޭނުންވާ އަވަސް މިންވަރު ފާހަގަކޮށް ވައިޓް ހައުސްއިން މިހާރު ވަނީ 2026ގެ ކުރިން ހަނދުގެ ގަޑީގެ ނިޒާމް އުފައްދައި ބޭނުންކުރެވޭ ގޮތް ހެދުމަށް ނާސާއަށް އަންގާފަ އެވެ. ހަނދަށް ސެޓު ކުރާ ގަޑިގެ ނިޒާމަކީ މުސްތަގުބަލުގައި ހަނދަށް ކުރަން ހަމަޖެހިފައިވާ ދަތުރުތަކާއި ހަނދުގައި މީހުން ގާއިމުވެ، ކުރަން ޖެހޭ މުއާމަލާތްތަކުގައި ބޭނުން ކުރާނެ ނިޒާމެވެ.
ހަނދުގެ ގަޑި އުފެއްދުމަށް މަސައްކަތް ކުރާ ސައިންސް ވެރިންގެ ކުރިމަތީގައި މިވަގުތު އޮތް ގޮންޖެހުމަކީ ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އެފަދަ ނިޒާމެއް ގާއިމުކޮށް އެ ނިޒާމު ބައިނަލްއަގުވާމީ ގޮތުން އެއްބަސްވެވޭ ފަދަ އެއްޗަކަށް ހެދުމެވެ.
ހަނދުގެ ގަޑި އެއްބަސްވެވޭ އެއްޗަކަށް ހެދުމަށްޓަކައި ހަނދުގައި މިވަގުތު ރިސާޗްކުރާ ފަރާތްތަކާއި ހަނދަށް ދިއުމަށް ރާވަމުން އަންނަ ގައުމުތަކުގެ އެއްބާރުލުމާއި އެއްބައިވަންތަކަން ބޭނުންވާނެ އެވެ.
ހަނދުގައި ގަޑި ބެލެހެއްޓުމަށް ވަގުތުގެ ނިޒާމެއް ސައިންސްވެރިން އީޖާދުކުރަމުން ގެންދާ ދިއުމަކީ ހަމަ އެކަނި ޓެކްނިކަލް ކަމެއް ނޫނެވެ. އެއީ ދުނިޔޭގެ ބިމުން ބޭރުވެ ޖައްވުގެ އެކި އެކި ދިމަދިމާގައި ހަރަކާތްތެރި ވުމަށް އިންސާނުންގެ ހުރި ޝައުގުވެރިކަމާއި ހިތްވަރު ހާމަވާ ކަމެކެވެ.
ހަނދުގެ ގަޑިން ބުނެދޭނީ ހަމައެކަނި ގަޑިއެއް ނޫނެވެ. ކާއިނާތުގެ އެކި ހިސާބުތައް ހޯދައި އެތަންތަން ފަތަހަ ކުރުމަށް އިންސާނުން ކުރަމުންގެންދާ މަސައްކަތުގެ ރަމަޒަކަށް ވެސް ވާނެ އެވެ.