ފިލްމު "އެނިމަލް"އިން ގިނަ ބައެއްގެ ތަރުހީބު ހޯދާފައިވާ ބޮލީވުޑްގެ އެކްޓަރު ޓްރިޕްތީ ޑިމްރީ މުމްބާއީގެ ރަށްބޭރުން އަގުބޮޑު ގެއެއް ގަނެފި އެވެ.

ދެ ފަންގިފިލާއަށް އިމާރާތް ކޮށްފައިވާ 2،226 އަކަފޫޓުގެ އެ ގެ ޓްރިޕްތީ ގަނެފައި ވަނީ 14 ކްރޯޑް ރުޕީސް (1.6 މިލިއަން ޑޮލަރު) ގެ އަގަކަށް ކަމަށް ހަބަރުތައް ބުނެ އެވެ. އެގޮތުން އެ ގެ ގަތުމުގެ ކަންކަން ނިމި ޓްރިޕްތީގެ ނަމުގައި މިހާރު ވަނީ ރަޖިސްޓްރީ ވެސް ކޮށްފަ އެވެ.

ޓްރިޕްތީގެ އާ ގެ ހުންނަ ސަރަހައްދަކީ ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވެސް ބައެއް އިމާރާތްތައް ގަނެފައިވާ ސަރަހައްދެކެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާން، ސަލްމާން ޚާން އަދި ރޭކާ ހިމެނެ އެވެ.

އުއްތަރަކަންޑްއަށް ނިސްބަތްވާ ޓްރިޕްތީ ބޮލީވުޑަށް ނުކުމެފައި ވަނީ 2017 ވަނަ އަހަރު ނުކުތް "ޕޯސްޓާ ބޯއީސް" އިންނެވެ. އެހެން ނަމަވެސް އާއްމުންގެ ތެރޭގައި އޭނާ މަގުބޫލުވީ އެނިމަލް އަށްފަހު އެވެ.

ޓްރިޕްތީގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ އެންމެ އަވަހަށް ފެންނާނީ "ވިކީ ވިދުޔާކާ ވޯ ވާލާ ވީޑިއޯ"އިން ރާޖްކުމާރު ރާއޯއާ އެކުގަ އެވެ.