އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ރޭ ބައްދަލު ކުރައްވައިފި އެވެ.
މޯދީ ހުވާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފްގައި ބޭއްވި ރޭގަނޑުގެ ފަރިއްކޮޅުގައި ރައީސް މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މިއީ އިންޑިއާގެ ރައީސް ދްރޮޕަދީ މުރްމޫ ދެއްވި ޖާފަތެކެވެ.
މި ޖާފަތުގެ ހަވާސާގައި މޯދީ ވަނީ ރައީސް ޑރ. މުއިއްޒު އާ ވަކިން ބައްދަލު ކުރައްވައިފަ އެވެ. އެކަމަކު، މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ދެ ގައުމުން އަދި ހާމައެއް ނުކުރެ އެވެ.
ރައީސް ވަނީ ނަރެންދުރަ މޯދީ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.
ރައީސް ޑރ. މުއިއްޒު އިންޑިއާއަށް ކުރައްވާ މިދަތުރުފުޅަކީ މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މޯދީއަކީ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރެއް ކަމުގައިވާ ޖަވާހަރްލާލް ނެހްރޫއަށް ފަހު ތިން ވަނަ ދައުރަކަށް އެ ގައުމުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ބޮޑުވަޒީރެވެ.
މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރުގެ މަޤާމުގެ ހުވައި ލައިދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ގައުމުތަކުގެ އިސްވެރިން ހިމެނޭހެން އެކި ޤައުމުތަކުގެ އެތައް ހާސް ޢިއްޒަތްތެރީންނެއް ބައިވެރިވެވަޑައިގެންނެވި އެވެ.
ހުވާކުރުމުގެ މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އަދި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެވަޑައިގެންފަ އެވެ.