ބީޓީއެސްގެ އެންމެ ދޮށީ މެމްބަރު ޖިން އޭނާގެ އަސްކަރިއްޔާގެ ހިދުމަތް ނިންމުން ފާހަގަ ކުރުމަށް އެ ބޭންޑުން މަސައްކަތް ފަށައިފި އެވެ.

އެގޮތުން ޖިންއާއެކު އޭނާގެ އުފަލުގައި ބައިވެރި ވުމަށް މިހާރު އަސްކަރިއްޔާގައި ހިދުމަތް ކުރަމުން އަންނަ މެމްބަރުން ވެސް ޗުއްޓީއަށް އެދެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބޭންޑުގެ މެމްބަރުން އެއްވެ ޖިންގެ ކާމިޔާބީ ފާހަގަ ކުރާނީ ދެކުނު ކޮރެއާގެ ވެރިރަށް ސިއޯލްގައި އާއްމުންނާ ދުރުގަ އެވެ. 2022 ވަނަ އަހަރު ޖިން އަސްކަރީ ހިދުމަތާ ގުޅުނުއިރު 18 މަސް ދުވަހުގެ ހިދުމަތަށްފަހު އޭނާ އެ ހިދުމަތުން ވަކިވާނީ މި ހަފްތާގަ އެވެ. ޖިންގެ ފަހުން ބޭންޑުގެ އެހެން މެމްބަރުން ވެސް ވަނީ އަސްކަރިއްޔާއާ ގުޅިފަ އެވެ.

ދެކުނު ކޮރެއާގައި ކުޅަދާނަކަން ލިބިގެންވާ ފިރިހެނުން މަދުވެގެން ދެ އަހަރު އަސްކަރިއްޔާއަށް ހިދުމަތް ކުރުމަކީ ގާނޫނު ލާޒިމްކުރާ ކަމެކެވެ. އެހެން ނަމަވެސް ބީޓީއެސްގެ މެމްބަރުންނަށް އެ މުއްދަތު ވަނީ ކުރުކޮށްދީފަ އެވެ.

ބީޓީއެސްއަކީ ކޮރެއާގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް ވަރަށް މަގުބޫލުކަން ހޯދާފައިވާ ބޭންޑެކެވެ. އެ ބޭންޑުގެ ކާމިޔާބީއަށް ބަލައި އަސްކަރީ ޚިދުމަތުން އިސްތިސްނާ ކުރަން ވެސް ސަރުކާރުން މަޝްވަރާ ކުރި އެވެ. ނަމަވެސް އެކަން އެގޮތަށް ނުވި އެވެ.

ދިވެހި ޒުވާނުންގެ މެދުގައި ވެސް މަގުބޫލް ބީޓީއެސްގެ ލަވަތަކަކީ މިއުޒިކް ޕްލެޓްފޯމްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ލަވަ ތަކެކެވެ.