ކައިވެނި ހަފްލާއަކަށް ދައުވަތު ލިބިއްޖެނަމަ އަހަރުމެންގެ ހިތަށް އެންމެ ފުރަތަމަ އަންނަ ކަމަކީ ކައިވެނިކުރި ދެމަފިރިންނަށް ހަދިޔާ ކުރާނީ ކޮން އެއްޗެއްތޯ އެވެ. އެގޮތުން އާއްމު ގޮތެއްގައި ހަދިޔާ ކުރެވެނީ އާއްމު ދިރިއުޅުމަށް ބޭނުންވާ ތަކެއްޗެވެ.

އެހެން ނަމަވެސް އެމެރިކާގެ ދެ ލޯބިވެރިޔަކު މިވަނީ އެ މީހުންގެ ކައިވެނީގެ ދައުވަތު ކާޑާއެކު މުޅި ސޯޝަލް މީޑިއާގެ ސަމާލުކަން ހޯދާފަ އެވެ.

އެގޮތުން އެ ދައުވަތު ކާޑުގައި އެ މީހުން އެދިފައިވަނީ އާއްމުކޮށް ކައިވެނި ހަދިޔާގެ ގޮތުގައި ގެންނަ ތަކެތީގެ ބަދަލުގައި އެމީހުން ހަނީމޫނަށް ދިއުމަށް ފައިސާގެ އެހީއެއް ވެދިނުމަށެވެ.

އެ މީހުން ބުނި ގޮތުގައި އެމީހުންގެ ކައިވެނީގައި މާ ބޮޑު ހަރަދުތަކެއް ކުރަން ބޭނުންނުވި ކަމަށާއި އެހެން ކަމުން އެންމެ ރަނގަޅު ގޮތަކަށް ފެނުނީ ބޭނުންނުކުރާ އެއްޗެހި ހަދިޔާ ކުރުމުގެ ބަދަލުގައި ފައިސާއަށް އެދުމަށެވެ.

މި އެދުމާއެކު ގިނަ ބަޔަކު އަންނަނީ އެ މީހުންނަށް ފާޑުކިޔަމުންނެވެ. އެގޮތުން ކައިވެނީގެ ދައުވަތު ކާޑާއެކު ފައިސާއަށް އެދުމަކީ ވަރަށް ލަދުވެތި ކަމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ހަގީގަތުގައި ކައިވެންޏެއްގެ މުނާސަބަތުގައި ހަދިޔާއެއް ދިނުމަކީ ކައިވެނި ކުރާ ދެމަފިރިން ބޭނުންވާ ހަދިޔާއަކަށް ވުން ރަނގަޅުވާނެ އެވެ. އެހެން ކަމުން ފައިސާ ހަދިޔާ ކުރުމަކީ ވެސް ގޯހެއް ނޫނެވެ.