ދެހާސް ތޭރަވަނަ އަހަރު ނުކުތް ބިރުވެރި ފިލުމު "ކޮންޖުއަރިން"އަކީ ގިނަ ބައެއްގެ ތަރުހީބު ލިބުނު ފިލްމެކެވެ. އެހެން ނަމަވެސް ގިނަ ބަޔަކަށް ނޭނގޭ ކަމަކީ އެއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާވެފައިވާ ފިލްމެއް ކަމެވެ.

އެގޮތުން އެ ފިލްމުގައި ހިނގާ ކަންކަން ބިނާވެފައިވާ ކަމަށް ބުނާ ގޭގެ ހަގީގަތް އާއްމުންނަށް ގެނެސްދިނުމަށްޓަކައި "ގޯސްޓް އެޑްވެންޗާސް" ނަމަކަށް ކިޔާ ޝޯއަކުން ވަނީ ޑޮކިއުމެންޓްރީއެއް އުފައްދާފަ އެވެ. އަދި 2019 ވަނަ އަހަރު ރިލީޒްކުރި ދެ ގަޑިއިރެއްހާއިރުގެ އެ ޝޯ އުފެއްދުމުގައި ހަރަކާތްތެރިވި ކްރޫއިންނަށް ކުރެވުނު ތަޖުރިބާ މިވަނީ ވަރަށް ފަހުން ހިއްސާ ކޮށްފަ އެވެ.

އެގޮތުން އެ ޑޮކިއުމެންޓްރީ އުފެއްދުމުގެ ތެރޭގައި އެމީހުންނަށް ތަފާތު އިހުސާސްތަކެއް ކުރެވުނު ކަމަށާއި އެއީ މީގެ ކުރިން ކުރެވިފައިނުވާ އިހުސާސްތަކެއް ކަމަށް ޝޯގެ ހޮސްޓް ޒެކް ބޭގަންސް ބުންޏެވެ.

އެ ތަޖުރިބާ އިތުރަށް ބިރުވެރި ކުރުވި ކަމަކީ ޝޫޓިންގެ ތެރެއިން ކްރޫއިންގެ ސިއްހަތު ވަރަށް ބޮޑަށް ގޯސްވެ ސިއްހީ ފަރުވާ ހޯދަން ޖެހުމެވެ.

ޝޯގެ ޕްރޮޑިއުސަރުން ގަބޫލުކުރާ ގޮތުގައި އެ ހުރިހާ ކަމަކީ އިއްތިފާގެއް ނޫނެވެ. އެހެން ކަމުން އެ ގޭގައި ހަގީގަތުގައި ވެސް ރޫހާނީ ބާރުތަކެއްވާ ކަމަށް ޕްރޮޑިއުސަރުން ބުނެ އެވެ.