ޔޫރަޕްގެ ސަރަހައްދީ މުބާރާތް ކަމަށްވާ ޔޫރޯ މި މަހު ޖަރުމަންގައި ފަށާނެ އެވެ. ޔޫރަޕްގެ ޗެމްޕިއަންކަން ހޯދުމަށް 24 ޓީމުން މި ފަހަރުގެ މުބާރާތުގައި ވާދަކުރާނެ އެވެ. އެކަމަކު ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގައި މަޝްހޫރު ތަރިންތަކެއް މި ފަހަރުގެ ޔޫރޯގައި ނުފެންނާނެ އެެވެ. މި ފަހަރުގެ ޔޫރޯގައި ނުފެންނާނެ ޔޫރަޕްގެ ތަރިން މި ލިޔުމުގައި ފާހަގަކޮށްލާނަމެވެ.

އާލިން ހާލަންޑް އަދި މާޓިން އޮޑެގާޑްް (ނޯވޭ)

އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓީ އަށް ކުޅެމުންދާ އާލިން ހާލަންޑް އަދި އާސެނަލްގެ މާޓިން އޮޑެގާޑަކީ ޔޫރަޕްގެ ފުޓްބޯޅައިގައި ނަން މަޝްހޫރު ދެ ތަރިންނެވެ. އެކަމަކު މި ދެ ކުޅުންތެރިން ނިސްބަތްވާ ނޯވޭ މި ފަހަރުގެ ޔޫރޯއަށް ކޮލިފައިނުވާތީ، މި ދެ ކުޅުންތެރިން ވެސް މި ފަހަރުގެ މުބާރާތުން ނުފެންނާނެ އެވެ.

އެންމެ ފަހުން ބައިނަލްއަގުވަމީ ބޮޑު މުބާރާތެއްގައި 2000 ވަނަ އަހަރު ކުޅުނު ނޯވޭ މި ފަހަރުގެ ޔޫރޯ ކޮލިފައިން ނިންމާލީ ގުރޫޕްގެ ތިން ވަނައިގަ އެވެ. ޕްލޭއޮފް ޖާގައެއް ވެސް ނޯވޭއަށް ނުލިބުނެވެ.

އާލިން ހާލަންޑް

ކޮލިފައިންގައި ހާލާންޑް ވަނީ ހަ ލަނޑު ޖަހައިފަ އެވެ. މެދުތެރެއަށް ކުޅެމުން އޮޑެގާޑް ދެ ލަނޑު ޖެހި އެވެ. އެކަމަކު މި ދެ ކުޅުންތެރިން ކުރި މަސައްކަތާއެކު ވެސް، ނޯވޭ އަށް ކޮލިފައިވާނެ މަގެއް ނުހޯދުނެވެ.

ހާލާންޑް އާއި އޮޑެގާގްގެ އިތުރުން ވެސް ހުނަރުވެރި ކުޅުންތެރިންތަކެއް ނޯވޭގެ ޓީމުގައި ހިމެނެ އެވެ. އެހެންކަމުން ނޯވޭ މި ފަހަރުގެ ޔޫރޯއަށް ކޮލިފައިނުވުމަކީ ހައިރާންވާންޖެހޭ ކަމެކެވެ.

ޖޭޑަން ސަންޗޯ އަދި މާކަސް ރަޝްފޯޑް (އިންްގްލެންޑް)

ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި އިންގްލެންޑްގެ ޓީމުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ މެންޗެސްޓާ ޔުނައިޓަޑްގެ ފޯވަޑް މާކަސް ރަޝްފޯޑެވެ. އެކަމަކު އޭގެ ދޮޅު އަހަރު ފަހުން ޔޫރޯ އަށް އިންގްލެންޑް ކުރިމަތިލާއިރު، ރަޝްފޯޑަށް ސްކޮޑުން ޖާގައެއް ނުލިބުނެވެ. ސަބަބަކީ މިދިޔަ ސީޒަންގައި އޭނާގެ ފޯމު ދަށްވުމެވެ.

މިދިޔަ ސީޒަންގައި ކުޅުނު 43 މެޗުން އޭނާ އަށް ޖެހުނީ އެންމެ 8 ލަނޑެވެ. މިއީ އޭގެ ކުރިން އޮތް ސީޒަންގައި 30 ލަނޑު ޖެހި ކުޅުންތެރިއެކެވެ. ރަޝްފޯޑްގެ ފޯމަށް މިދިޔަ ސީޒަންގައި އައި ބަދަލު ވަރަށް ސާފެވެ.

ފޯމު ދަށްވިޔަސް، ރަޝްފޯޑް ،26، ސްކޮޑަށް ނުނެގުމަކީ އިންގްލެންޑްގެ ސަޕޯޓަރުންނަށް ލިބުނު ހައިރާންކަމެކެވެ. ރަޝްފޯޑަކީ އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް އާންމުކޮށް ސްކޮޑަށް ނަގާ ކުޅުންތެރިޔަކަށްވާތީ އެވެ.

ރަޝްފޯޑްގެ އިތުުރުން ޔުނައިޓަޑްގެ ވިންގާ ޖޭޑަން ސަންޗޯ ،24، އަށްވެސް ސްކޮޑުން ޖާގައެއް ނުލިބުނެވެ. ޔުނައިޓަޑްގެ ކޯޗު އެރިކް ޓެން ހާގްއާ ޖެހުނު މައްސަލައަކާ ގުޅިގެން މިދިޔަ ސީޒަންގެ ފަހުބައި ސަންޗޯ ލޯނު އެއްބަސްވުމެއްގެ ދަށުން ކުޅުނީ ބޮރޫޝިއާ ޑޯޓްމަންޑަށެވެ. އެ ޓީމުގައި އޭނާ އަލުން ފޯމަަކަށް އެޅުނެވެ.

އެކަަމަކު ސީޒަންގައި ފަހުބައިގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް، އިންގްލެންޑްގެ ސްކޮޑުން ސަންޗޯ އަށް ޖާގައެއް ލިބޭގޮތެއް ނުވި އެވެ.

ޕޯލް ޕޮގްބާ (ފްރާންސް)

ފްރާންސް އިން 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރިއިރު، އެ މުބަރާތުގައި ވިދާލި އެއް ކުޅުންތެރިޔަކީ މިޑްފީލްޑަރު ޕޯލް ޕޮގްބާ އެވެ.

އަނިޔާގެ މައްސަލަތަކުން އަރައި ގަތުމަށްފަހު މިދިޔަ ސީޒަންގައި ޕޮގްބާ ފިޓުވި ނަމަވެސް، އޭނާ އަށް މި ފަހަރުގެ ޔޫރޯގައި ނުކުޅެވޭނެ އެވެ. މާނާ ބޭސް ބޭނުންކުރި މައްސަލައިގައި ޔުވެންޓަސްގައި ހުރި ޕޮގްބާ ،31، އަށް ވަނީ ހަތަރު އަހަރުގެ ސަސްޕެންޝަނެއް ދީފަ އެވެ.

މި ސަސްޕެންޝަން ހަމަވާނީ 2027 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އެހެންކަމުން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ވެސް ޕޮގްބާ އަށް ގެއްލޭނެ އެވެ. ޕޮގްބާ އަށް ދެން ގައުމީ ޓީމަށް ކުޅެވޭނީ އޭނާގެ އުމުރުން 34 އަހަރުގަ އެވެ.

ޕޮގްބައަކީ ފްރާންސްގެ ޓީމުގެ މިޑްފީލްޑްގައި މުހިންމު ކުޅުންތެރިއެކެވެ. އޭނާ ނެތުމަކީ ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްގެ ޓީމަށް ލިބޭ އުނިކަމެކެވެ.

ޑޭވިޑް އަލަބާ (އޮސްޓްރިއާ)

އޮސްޓްރިއާ މި ފަހަރުގެ ޔޫރޯގައި ކުޅުނަސް، އެ ޓީމުގެ ކެޕްޓަން ޑޭވިޑް އަލަބާއަށް އަނިޔާގެ ސަބަބުން މުބާރާތުގައި ނުކުޅޭނެ އެވެ. އެކަމަކު ހައިރާންވާންޖެހޭ ކަމަކީ ނުކުޅެވުނަސް، އޭނާ ޓީމުގައި ހިމެނޭތީ އެވެ.

އަލަބާގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ޔޫރޯގައި އޭނާ އަށް ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފައެވެ. އެކަމަކު އޭނާގެ އެދުމުގެ މަތިން "ނުކުޅޭ" ކެޕްޓަންގެ ގޮތުގައި އޭނާ ޓީމާއެކު ޖަރުމަނަށް ދާނެ އެވެ.

ދަނޑުމަތިން ނުފެނުނަސް، މި ފަހަރުގެ ޔޫރޯގައި ޓީމަށް ހިތްވަރު ދިނުމާއި ޓީމު ރޫހު ވަރުގަދަކުރުމަށް ކެޕްޓަންގެ ހައިސިއްޔަތުން އަލަބާ މަސައްކަތްކުރާނެއެވެ.

ގަވީ (ސްޕެއިން)

އަނިޔާގެ ސަބަބުން ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ގަވީ ،19 އަށް މި ފަހަރުގެ ޔޫރޯގައި ނުކުޅެވޭނެ އެވެ. ގަވީގެ ކަކުލަށް އަނިޔާވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޔޫރޯ ކޮލިފައިންގައި ސްޕެއިންއަށް ކުޅުނު މެޗެއްގަ އެވެ.

ގަވީ އަށް އަނިޔާވީ ކޮލިފައިންގައި ޖޯޖިއާއާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ. މި މެޗުގެ ކުރިން ސްޕެއިން ވަނީ ޔޫރޯގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. ކޮލިފައިވެފައި އޮއްވައި ކުޅުނު މެޗެއްގައި ގަވީ ބޭނުންކުރުމުން ބާސެލޯނާ އިން ވަނީ ސްޕެއިންގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭއާމެދު ހިތްހަމަނުޖެހިފަ އެވެ.

ގަވީ ނެތުމަކީ މި ފަހަރުގެ ޔޫރޯގައި ސްޕެއިން ޓީމުގެ މިޑްފީލްޑަށް ލިބޭނެ އުނިކަމެކެވެ.