ލަންޑަން (11 ޖޫން) – މި އަހަރުގެ ޔޫރޯގައި އިންގްލެންޑަށް ތަށި ނުލިބިއްޖެނަމަ، އިންގްލެންޑްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމުގައި ދެމިހުރެވޭނެ ކަމަށް ގަބޫލްނުކުރާ ކަމަށް އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފި އެވެ.

އިންގްލެންޑާއެކު ސައުތުގޭޓް ހަދާފައިވާ ކޮންޓުރެކްޓް ހަމަވާނީ މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެކަމަކު އޭނާގެ ކޮންޓުރެކްޓް އާކުރަން އިނގިރޭސި އެފްއޭ އިން ބޭނުންވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑް ވަނީ އެންމެ ފަހުން އޮތް ޔޫރޯގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. ފައިނަލްގައި އިޓަލީ އަތުން އިންގްލެންޑް ބަލިވީ ޕެނަލްޓީ ޖަހައިގެނެވެ.

އޭގެ ކުރިން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އިންގްލެންޑް ދަތުރުކުރި އެވެ. ގަތަރުގައި 2022 ވަނަ އަހަރު އޮތް ވޯލްޑް ކަޕުން އިންގްލެންޑް ކެޓީ ކުއާޓާ ފައިނަލްގަ އެވެ.

ސައުތުގޭޓް ބުނީ މި ފަހަރުގެ ޔޫރޯ ކާމިޔާބުނުކުރެވިއްޖެނަމަ، އިންގްލެންޑްގެ ކޯޗުގެ މަގާމުގައި ދެމިހުރެވޭނެކަމުގެ މާ ބޮޑު އުންމީދެއް ނެތް ކަމަށެވެ.

"އަހަންނަށް ހީވަނީ މިއީ އިންގްލެންޑްގެ ކޯޗުގެ މަގާމުގައި ހުރެގެން ތައްޓެއް ހޯދަން ލިބޭ ފަހު ފުރުސަތުހެން،" ސައުތުގޭޓް ބުންޏެވެ. "އަހަންނަށް ހީވަނީ މިފަދަ ކޮންމެ މުބާރާތަކަށްފަހު، ވަރަށް ގިނަ ޓީމުތަކުގެ ކޯޗުން ބަދަލުވޭ. އެއީ އިންޓަނޭޝަނަލް ފުޓްބޯޅައިގައި ކަން ހިނގާ ގޮތް."

ސައުތުގޭޓް ބުނީ އިންގްލެންޑްގެ ފަދަ ވަރުގެ ކޯޗެއްގައި މަގާމުގައި ދެމިހުރެވޭނީ ފުރުސަތު ލިބޭ ދަނޑިވަޅުތަކުގެ ބޭނުން ހިފައި، ކާމިޔާބު ހޯދައިގެން ކަމަށެވެ.