ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސް މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ކުރިއަށްގެންދިޔަ "ފަލަސްތީނާއެކު ދިވެހީން" ފަންޑަށް ރޭގެ ނިޔަލަށް 14.8 މިލިއަން ރުފިޔާ ޖަމާކޮށްފި އެވެ.
ޕަބްލިކް ސާވިސް އިން މީޑިއާ (ޕީއެސްއެމް) އިން ބުނީ ރޭ މެންދަމު 1:15 އާ ހަމައަށް 14.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ.
މިކަމަށް ކަނޑައަޅާފައިވާ މިނިވަން އޮޑިޓް ފާމް ކްރޯ މޯލްޑިވްސްއިން ބުނީ ޓެލެތޯން ފަންޑަށް ޖަމާކޮށްފައިވާ ފައިސާ ގުނުމުގެ ކަންކަން ލަސްވީ ގިނަ އަދަދެއްގެ ވަކި ލާރި ލިބިފައި ހުރުމުން ކަމަށެވެ. ނަމަވެސް މިހާރު ލިބިފައިވާ ހުރިހާ ފައިސާއެއް ގުނާ ނިމިފައިވާ ކަމަށް އެ އޮޑިޓު ފާމުން ބުނެ އެވެ. އެގޮތުން މިހާތަނަށް 14.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޮޑިޓް ފާމުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.
ކްރޯ މޯލްޑިވްސްއިން ބުނީ ނަގުދު ދިވެހި ރުފިޔާގެ ގޮތުގައި ޓެލެތޯނަށް 723،948ރ. ލިބިފައިވާ ކަމަށެވެ. އަދި 1،343 ޑޮލަރާއި 81 ޔޫރޯ ހަމައެކަނި ފަންޑު ފޮށިތަކަށް ލިބިފައިވާ ކަމަށް ބުނެ އެވެ.
މީގެ އިތުރުން އޮންލައިން ބޭންކް ޓްރާންސްފާ މެދުވެރިކޮށް 6.8 މިލިއަން ދިވެހި ރުފިޔާ ޖަމާވެފައިވާއިރު، ޑޮލަރު އެކައުންޓަށް 33،950 ޑޮލަރު ވަނީ ޖަމާވެފަ އެވެ.
ޕީއެސްއެމުން ކުރިއަށްގެންދިޔަ ޓެލެތޯން ކަވަރޭޖު ނިންމާލާފައިވީ ނަމަވެސް އަދިވެސް އޮންލައިންކޮށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ވަނީ މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރުކޮށްފަ އެވެ.
ޕީއެސްއެމުން ބުނީ ފައިސާ ޖަމާކުރުމަށް އިއްޔެ މަސައްކަތް ކުރި ބައެއް ފަރާތްތަކަށް ބޭންކު މައްސަލައަކުން ފައިސާ ޖަމާނުވުމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެހެން ދިމާވީ އެއްފަހަރާ ގިނަ ބަޔަކު އެއް އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް މަސައްކަތް ކުރުމުން ކަމަށް ވެސް ޕީއެސްއެމުން ބުނެ އެވެ.
"ފަލަސްތީނާއެކު ދިވެހީން" ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯނަށް ވަނީ އާންމުންގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ. އެގޮތުން މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި ވެސް ފަންޑު ފޮށިތައް ބެހެއްޓި އެވެ. އެ ފަންޑު ފޮށިތަކުގެ ފައިސާ "ފަލަސްތީނާއެކު ދިވެހީން" އެކައުންޓަށް ޖަމާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ޕީއެސްއެމުން ބުނެ އެވެ.