އާ ގައިޑްލައިންތަކެއްގެ ދަށުން ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ ފަރިތަކުރުންތައް ވަރަށް އަވަހަށް ފެށޭނެ ކަމުގެ އިޝާރާތެއް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލް ދެއްވައިފި އެވެ.

ބައްސާމް އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް (ކެރެފާ ނަސީމް) އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި، ކުރެވުނު މަޝްވަރާތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އާ ގައިޑްލައިންގެ ދަށުން ކްލަބުތަކަށް ވަރަށް އަވަހަށް ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ދިވެހި ޕްރިމިއާ ލީގުގެ މެޗުތަކާއި، ކްލަބުތަކުގެ ފަރިތަކުރުންތައް އަލުން ފެށުމުގެ މަގެއް ހޯދުމުގެ ގޮތުން، ލީގުގައި ވާދަކުރާ ކޮންމެ ކްލަބެއްގެ ކުޅުންތެރިންނާއި އޮފިޝަލުން މިހާރު ވަނީ ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯސް ޖަހައިފަ އެވެ. މިހާރު ކްލަބުތައް ތިބީ، ހެލްތު އެޗްޕީއޭ އިން ފުޓްބޯޅައިގެ ހަރަކާތްތައް ފެށުމަށް އަލުން ހުއްދަދޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

ލީގުގެ އެއް ބުރު ނިމިފައި ވަނިކޮށް، ލީގު މެދުކަނޑާލީ ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި އިތުރުވުމާ ގުޅިގެންނެވެ. އަދި މި ނިންމުމާ ގުޅިގެން ކްލަބުތަކުގެ ފަރިތަކުރުންތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

ފުޓްބޯޅަ ސީޒަން މެދުކަނޑާލަން ޖެހުމާ ގުޅިގެން، ކްލަބުތަކާއި ކުޅުންތެރިން ވަނީ ޕްރެސް ކޮންފަރެންސްތައް ބާއްވައި، ފުޓްބޯޅަ ސީޒަން އަލުން ފެށުމުގެ ހުއްދަ ދިނުމަށް ކަމާބެހޭ އިދާރާތަކުގެ ފަރާތުން އެދިފަ އެވެ. އަދި ކްލަބުތަކުން ވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހާ ވެސް ބައްދަލުކޮށްފަ އެވެ.