ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ކުރެއްވި ދަތުރުފުޅަށް 3.8 މިލިއަން ރުފިޔާ ހަރަދުވި ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ ތެރޭގައި ބޭއްވި އެ ކޮންފަރެންސްގައި ރައީސް މުއިއްޒު ހިމެނިވަޑައިގަންނަވާހެން 16 ބޭފުޅަކު ރާއްޖެއިން ބައިވެރިވެވަޑައިގަތެވެ.
ރައީސް އޮފީހުން އާންމުކުރި އެ ދަތުރުފުޅުގެ ތަފްސީލުގައިވާ ގޮތުން 16 ބޭފުޅުންގެ ޓިކެޓަށް 2.6 މިލިއަން ރުފިޔާ ހަރަދުވި އެވެ. އެކޮމޮޑޭޝަނަށް ހަ ލައްކަ ރުފިޔާ އަދި ދަތުރުފަތުރުގެ ހަރަދަށް 271،000ރ. ހަރަދުވި ކަމަށް އެ އޮފީހުން ބުންޏެވެ. ޕޮކެޓް މަނީގެ ގޮތުގައި 141،000ރ. ދީފައިވެއެވެ. ވަފުދުގެ ހުރިހާ ބޭފުޅުންގެ ފަރިއްކޮޅަށް 164،000ރ. ހަރަދުކޮށްފައިވެ އެވެ. އަދި ސްޓޮޕް އޯވާ އާއި އިންސިޑެންޝަލްގެ ގޮތުގައި ހަރަދުވި 23،000ރ. މިލިއަން ރުފިޔާއާ އެކު، ޖުމްލަ 3.6 މިލިއަން އެ ދަތުރުފުޅަށް ހަރަދުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސްގެ އެ ދަތުރުފުޅުގެ ތެރެއިން ދުނިޔޭގެ ޖަމާއަތްތަކާއި މާލީ އިދާރާތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވައި، އެ އިދާރާތަކުގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމުގެ ޔަގީންކަން ހޯއްދެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ ނައިބު ރައީސާއި އދ. ގެ ސެކެޓްރީ ޖެނެރަލްގެ އިތުރުން ކޮމަންވެލްތުގެ ސެކެޓްރީ ޖެނެރަލް ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ތަރައްގީ އާއި ތިމާވެށްޓަށް އިންވެސްޓަރުންގެ އެހީ ލިބޭނެކަމުގެ ޔަގީންކަން ލިބުނު ކަމަށެވެ. ނަމަވެސް އެފަދަ އެހީއެއް ލިބޭނެ ވަކި ދުވަހެއް ނޭނގެ އެވެ.
މިފަހަރުގެ ކޮންފަރެންސްގެ ވައިސް ޗެއާގެ ހައިސިއްޔަތުން ބައެއް ބައްދަލުވުންތައް އެމަނިކުފާނު ޗެއާކުރެއްވި އެވެ.