ﷲ ދެއްވި ގިނަގުނަ ނިއުމަތްތަކުގެ މަތީން ހަނދުމަކޮށް، އީދުގެ އުފާ ފާޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓެވުމަށާއި، އިސްލާމީ އަޚްލާގާއި ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި ފުރެއްދެ ސަގާފަތްތައް އީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސް ކުރެއްވީ 1445 ވަނަ އަހަރުގެ އަޟްހާ އީގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިތާބުގަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ ބޮޑު އީދުގެ ބަރަކާތްތެރި މުނާސަބާގައި މުސްލިމް އަޚާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ އަމަލުކުރުމަށާއި، މެހްމާންދާރީ އަދާކުރުމަށާއި، ސަދަގާތް ކުރުމަށާއި، ހެޔޮ ދުއާ ކޮށްދިނުމަށާއި، ނުތަނަވަސްކަން ފިލުވައިދިނުންފަދަ، ﷲގެ ހަޒްރަތުގައި ދަރުމަހުރި އަމަލުތައް ކުރުމަށް ބާރުއަޅުއްވައިފަ އެވެ.

މިފަހަރު އީދު ފާހަގަކުރާއިރު، ދިވެހި ރައްޔިތުން އެންމެ އިސްކުރަނީ، މުސްލިމުންގެ މުގައްދަސް މިސްކިތާއި، ފަލަސްތީނުގެ އަހުލުވެރީންނަށް ހެޔޮ ދުއާ ކޮށްދިނުންކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ރާއްޖެ އަބަދުވެސް ދެމިއޮންނާނީ، ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅުހަދައި، މަސްޖިދުލްއަގްސާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫހުން ބައިވެރިވުމުގައިކަމަށް އެމަނިކުފާނުގެ ވިދާޅުވި އެވެ.

"ދިވެހީންގެ ހިތްތަކުގައި ޚާއްޞަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަޞްޠީނުގެ މުސްލިމް ކޮންމެ ޢާއިލާއަކާ، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުޢާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއްވެސް އަޅުގަނޑުމެން ދުލެއް ނުކުރާނެ" ރައީސް ވިދާޅުވި އެވެ.

އަޟްހާ އީދާ ގުޅިގެން ރައީސް ފޮނުއްވި ޚިތޯބުގައި އެމަނިކުފާނު ވަނީ، އީދު ފަދަ މުނާސަބާތަކުގައި ދަރީންނަށް އީދުގެ ދިއްލުންތަކާ، އުފާފާޅުކުރުންތަކާ، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ޙާލުބަލައި، ތަކްބީރުތަހުލީލު ކިޔައި، އިޖްތިމާއީ ރޫހު އާލާކޮށް، ކުޅިވަރުކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާ ޝާމިލްކަމުގެ ހެކިތަކެއް ކަމުގައި ބުނެދިނުމަށް ބާރުއަޅުއްވައިފަ އެވެ. އަދި އީދު ފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަޚުރުވެރިވާން ދަރީންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރައްވާފައިވެ އެވެ.