ބާލިން (15 ޖޫން) – ޔޫރޯގެ ގުރޫޕް ބީގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި ސްޕެއިންގެ ފުރަތަމަ 11ގައި ކުޅުނު ވިންގާ ލަމީން ޔަމާލް މުބާރާތުގެ ތާރީހުން ޖާގަ ހޯދައިފި އެވެ. ޔަމާލް އަކީ ޔޫރޯގެ ތާރީހުގައި ވެސް މިހާތަނަށް އެ މުބާރަތުގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ އެވެ.

މި މެޗުގައި ޔަމާލް ކުޅުނުއިރު، އޭނާގެ އުމުރަކީ 16 އަހަރާއި 338 ދުވަހެވެ. މި އުމުރުގައި މިއީ އޭނާ ސްޕެއިންގެ ގައުމީ ޓީމަށް ކުޅުނު ހަތް ވަނަ މެޗެވެ.

ޔަމާލް ވަނީ ބާސެލޯނާއަށް މިހާރު ވެސް 51 މެޗު ކުޅެ، ހަތް ލަނޑު ޖަހައިފަ އެވެ. އެ ކްލަބުގެ ތާރީހުގައި ޔަމާލްއަކީ އެ ޓީމަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ އެވެ. ބާސެލޯނާ އަށް ޔަމާލް ފުރަތަމަ މެޗު 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ކުޅުނުއިރު އޭނާގެ އުމުރަކީ 15 އަހަރެވެ.

މީގެ އިތުރުން ޔަމާލް ވަނީ ސްޕެނިޝް ލަލީގާގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑާއި ޗެމްޕިއަންސް ލީގު މެޗެއްގެ ފުރަތަމަ 11ގައި ހިމެނުނު އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެސް ހޯދައިފަ އެވެ.

ޔޫރޯގެ ކުރިން ޔަމާލް ބުނި ގޮތުގައި މި މުބާރާތުގެ ތެރެއިން ވެސް އޭނާ ސްކޫލްގެ ހޯމްވޯކްތައް ހަދަންޖެހޭ ކަމަށެވެ.