އަންނަ މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމެވި ތިން ބައި އިލެކްޝަނެއްގެ ގޮނޑި އިންތިހާބަކާ ނުލައި ވެރިކަންކުރާ ޕީއެންސީއަށް ކާމިޔާބުވެއްޖެ އެވެ.

އެއީ ޅ. ހިންނަވަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއާއި، ރ. ހުޅުދުއްފާރު ކައުންސިލް މެންބަރުކަމާއި، ޅ އަތޮޅު ކައުންސިލް ރައީސްގެ ގޮނޑި އެވެ. އިންތިހާބުގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި އެ އިންތިހާބުތަކުގައި ވާދަކޮށްފައި ވަނީ ހަމައެކަނި ޕީއެންސީގެ ކެންޑިޑޭޓުންނެވެ. އެހެންކަމުން އިންތިހާބަކާ ނުލައި އެ ބޭފުޅުން އެ ގޮނޑިތަކަށް ހޮވިއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައަޅައިފަ އެވެ.

ފ. ބިލެތްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަން އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމިނަމަވެސް އެކަމަށް އެދި ކުރިމަތިލާން ހުޅުވާލުމުން މިހާތަނަށް އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައެއްނުވެ އެވެ. އެ ކޮމިޝަނުން ބުނީ އެ ބައި އިލެކްޝަންގައި ވާދަކުރަން އަލުން ހުޅުވާލާނެ ކަމަށެވެ.

ޖުލައި 20 ގައި ބާއްވާ ބައި އިލެލްޝަންތައް

  • ފ. ބިލެތްދޫ ކައުންސިލްގެ ރައީސް އިންތިޚާބުކުރުން
  • ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކައުންސިލަރު އިންތިޚާބުކުރުން
  • މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރުން
  • މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރުން
  • މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލް މެންބަރު އިންތިޚާބުކުރުން
  • ރ. ރަސްމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބުކުރުން