ޑުސެލްޑޯފް (21 ޖޫން) – ސްލޮވާކިއާ އިން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް، ދެވަނަ ހާފުގައި ފަހަތުން އަހަރު 2-1 އިން މޮޅުވެ، ޔޫކްރޭން ޔޫރޯގެ ގަދަ 16ގެ އުންމީދު އާކޮށްފި އެވެ.

ގުރޫޕް އީގައި ކުޅުނު ފުރަތަމަ މެޗުގައި ރޫމޭނިއާ އަތުން ބަލިވެފައި އޮތުމުން މިރޭގެ މެޗުގެ މުހިންމުކަން ޔޫކްރޭނަށް އޮތީ ބޮޑުވެފަ އެވެ. އަނެއްކޮޅުން، ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން މޮޅުވި ސްލޮވާކިއާއަށް މިރޭގެ މެޗުން މޮޅުވެގެން ގަދަ 16ގެ ޖާގައެއް ކަށަވަރުކުރެވެން އޮތެވެ.

މެޗުގެ 17 ވަނަ މިނިޓުގައި ސްލޮވާކިއާ އިން ލީޑު ހޯދީ އީވާން ޝްރާންޒް ޖެހި ލަނޑުންނެވެ. މިއީ މި މުބާރަތުގައި ޝްރާންޒް ޖެހި ދެވަނަ ލަނޑެވެ.

މެޗުގެ ނަތީޖާ ހަމަހަމަކުރުމަށް ޔޫކްރޭން އިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުކުވީ މެޗުގެ 54 ވަނަ މިނިޓުގައި މިކޮލާ ޝަޕަރެންކޯ ޖެހި ލަނޑުންނެވެ. އާސެނަލްގެ ލެފްޓް ބެކް އޮލެކްސަންދާ ޒިންޗެންކޯ ހުރަސްކޮށްލި ބޯޅަ، ޕެނަލްޓީ އޭރިޔާ ތެރެއިން ޝަޕަރެންކޯ ވަނީ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ޔޫކްރޭން އިން މެޗުގެ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރަލީ 80 ވަނަ މިނިޓުގައި ފޯވަޑް ރޯމަން ޔަރެމްޗުކް ޖެހި ލަނޑުންނެވެ. ޝަރަޕެންކޯ ދިން ބޯޅަ އޭރިޔާ ތެރެއިން ކޮންޓުރޯލްކޮށްލުމަށްފަހު، މަޑުމަޑުން ގޯލާ ދިމާލަށް ޖައްސާލި ބޯޅަ ސްލޮވާކިއާގެ ގޯލްކީޕަރު މާޓިން ޑުބްރަވްކާ އަށް ދިފާއުކުރެވޭ ގޮތެއްނުވިއެވެ.