ނ. އަތޮޅު ފަޅު ރަށަކުން ފެނުނު ސޯމާލިއާގެ ބަޔަކަށް އެ އަތޮޅު ހޮޅުދޫން ވަގުތީ ބޯހިޔާވަހިކަން ދީފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ނ. ވަވަތި ފަޅު ރަށުން ފެނުނު ސޯމާލިއާގެ ތިން މީހުން ހޮޅުދުއަށް ގެންގޮސް، އެ ރަށު ކައުންސިލްގެ އެހީތެރިކަމާއެކު ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށެވެ.

ސޯމާލިއާގެ މި މީހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި، ބެހިގެން އާދެވުނު ބައެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. ރާއްޖޭގެ ފަޅު ރަށަކަށް ބެހިފައި ވަނީ ސޯމާލިއާގެ ތިން ފިރިހެނުންނެވެ.

އެމީހުން ދަތުރު ކުރި ޑިންގީ ވެސް ފަޅު ރަށުން ފެނިފައިވެ އެވެ.

ވަވަތިއަކީ ދިގު މުއްދަތަކަށް ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައި އޮތް ރަށެކެވެ. އަދި އެ ރަށް އޮންނަނީ މަޝްހޫރު ވެލާ ރިސޯޓު ކައިރީގަ އެވެ.

ސޯމާލިއާއަކީ ރާއްޖޭގެ ހުޅަނގުން ގާތްގަނޑަކަށް 3,000 ކިލޯމީޓަރު ދުރުމިނުގައި އޮތް ގައުމެކެވެ.

މީގެކުރިން ވެސް ސޯމާލިއާއަށް ނިސްބަތްވާ މީހުން ޑިންގީތަކާ އެކު ރާއްޖެއަށް ލައްގާފައި އެބަހުއްޓެވެ. އެ ގައުމުގެ ކަނޑުގެ ސަރަހައްދަކީ ކަނޑުފޭރޭ މީހުން ގިނަ ބަޔަކު އުޅޭ ސަރަހައްދެކެވެ.