ރާއްޖެއިން މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން ދިޔަ މީހުންގެ ފުރަތަމަ ގްރޫޕު މިއަދު އަތުވެއްޖެ އެވެ.

ސައުދީ އެއާއިން މިއަދު މެންދުރު ފަހު 1:55 ހާއިރު ރާއްޖެ އައި ފުރަތަމަ ގުރޫޕްގައި ހިމެނެނީ 296 ހައްޖުވެރިންނެވެ.

ރާއްޖެއިން މިއަހަރު ޖުމްލަ 1،150 މީހުން ހައްޖަށް ދިޔަ އެވެ. މި އެންމެން ވެސް ހައްޖަށް ދިޔައީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ.

ހައްޖުވެރިން ރާއްޖެއަށް އަންނާނީ މިއަދާއި، ޖޫން 28 އަދި ޖުލައި އެކަކާއި ހަަތަރުވަނަ ދުވަހު އެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ އެކަކު ވަނީ ނިޔާވެފަ އެވެ.

މީގެ އިތުރުން ހައްޖަށް ދިއުމުގެ ތަނަވަސްކަން ނެތް ނިކަމެތިން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުގެ ދަށުން 50 މީހުން މި އަހަރު ވަނީ ހައްޖަށް ގެންގޮސްފަ އެވެ.

ރާއްޖެއިން މި އަހަރު ހައްޖަށް ދިޔަ ހައްޖުވެރިން މިއަދު ރާއްޖެ އަންނަން ފަށާފައިވާއިރު ރާއްޖެއިން ކުރިއަށް ގެންދިޔަ ހައްޖުގެ އޮޕަރޭޝަން ކާމިޔާބު ކަމަށާއި ރަނގަޅު ކުރަން ހުރި ކަންކަން ކުރިއަށް އޮތް އަހަރު ރަނގަޅު ކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފަ އެވެ.

ހައްޖުވެރިންގެ މިއަދު ރާއްޖެ އަންނާތީ އެއާޕޯޓް ބާރު ބޮޑުވާނެތީ ފުރާ މީހުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެމްއޭސީއެލްއިން އިލްތިމާސްކޮށްފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އެމްއޭސީއެލުން ބުނީ ހައްޖައްދިޔަ މީހުން އެނބުރި އަންނާތީ އެއާޕޯޓު ބާރުބޮޑުވާނެ ކަމަށެވެ. އެހެންކަމުން އެކި ތަންތަނަށް ފުރާ ފަރާއްތަކުން ތިން ގަޑިއިރު ކުރިން އެއާޕޯޓަށް ގޮސް، ސްޓާފުންގެ އިރުޝާދުތަކާއި އެއްގޮތައް ފުރުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް އެމްއޭސީއެލްއިން ވަނީ އެދިފަ އެވެ.