ޒިއޯ ސިނަމާއިން ގެނެސްދޭ ރިއަލިޓޫ ޝޯ "ބިގްބޮސް އޯޓީޓީ 3" އިންޑިއާގެ ބޮކްސިން ތަރި ނީރަޒް ގޮޔަތުގެ ދަތުރު ނިމުމަކަށް އަތުވެއްޖެ އެވެ.

މިމަހުގެ 21 ވަނަ ދުވަހުގެ ރޭ "ބިގްބޮސް އޯޓީޓީ 3" ފަށާފައި ވަނީ 16 ބައިވެރިންނާއެކު އެވެ. މިފަހަރުގެ ސީޒަން ހުށަހަޅައިދެނީ ސަލްމާން ޚާންގެ ބަދަލުގައި މަޝްހޫރު އެކްޓަރު އަނިލް ކަޕޫރު އެވެ.

"ބިގްބޮސް އޯޓީޓީ 3" ފަށައިގެން ހަފްތާއެއް ވެގެންދާއިރު މިހަފްތާގައިވެސް ގިނަ ޑްރާމާތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ.

ފުރަތަމަ ހަފުތާގެ ނޮމިނޭޝަންތައް ނިމިފައިވާއިރު، ޝިވާނީ ކުމާރީ އާއި ނީރާޖް ގޮޔަތު ވެގެން ގޮސްފައިވަނީ މިހަފްތާގައި ބިގްބޮސް ގެއިން ބޭރުވާނެ ދެ ބައިވެރިން ގޮތުގައި ނޮމިނޭޓްވެފަ އެވެ. އެ ދެ ބައިވެރިން ނޮމިނޭޓްކޮށްފައިވަނީ "ބަހަރުވާލާ" ގޮތުގައި ހަރަކާތެރިވާ ސަނާ ސުލުތާނު އެދެ ބައިވެރިން ނޮމިނޭޓް ކުރުމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޝިވާނީ އާއި ނީރާޖްގެ ބިގްބޮސްގެ ދަތުރު ނިމުމަކަށް ގެނައުމުގެ ބާރު އެހެން ބައިވެރިންނަށް ވަނީ ދީފަ އެވެ. ބިގްބޮސްގެ ބައިވެރިންގެ މެދުގައި ނެގި ވޯޓު ޝޯއިން ކަޓާފައިވަނީ ނީރާޖް އެވެ.

ނީރާޖް ނިކުތުމާއެކު ބިގް ބޮސް އޯޓީޓީ 3 ގެ ގޭގައި ތިބޭނީ 15 ބައިވެރިންނެވެ.

https://www.instagram.com/p/C8oeNf0vLEK/

މިހާރު ބިގްބޮސް ގޭގައި ތިބީ "ވަޑާ ޕައޯ ގާލް" ނަމުގައި މަޝްހޫރުކަން ހޯދާފައިވާ ޗަންދްރިކާ ޑިކްސިޓް، 31 އަހަރު މީޑިއާގައި ހަރަކާތެރިވެފައިވާ ދީޕަކް ޗައުރަސިއާ އަދި ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިގެން ގޮސްފައިވާ ރަންވީރު ޝޯރޭ އާއި ޔޫޓިއުބަރު އަރްމާން މާލިކް އާއި އޭނާގެ ދެ އަނބިން ކަމަށްވާ ޕަޔަލް މާލިކް އާއި ކްރިޓިކާ މާލިކް ހިމެނެ އެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި މަގުބޫލުކަން ހޯދާފައިވާ ވިޝާލް ޕާންޑޭ އާއި ލަވް ކަޓަރިއާ އާއި ނައީޒީ އާއި ޕައުލްމީ ޕޮލޯ ދާސް އާއި ޝިވާނީ ކުމާރީ އާއި އެކްޓަރު ސައި ކެޓަން ރާއޯ އާއި މުނީޝާ ޚަޓްވާނީ އަދި ސަނާ މަކްބުލް އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ ސީޒަންގައި ބައިވެރިންނަށް ފޯނު ބޭނުން ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި "ބިގް ބޮސް" ގެއިން ބޭރުގެ ހަބަރުތައް ބައިވެރިންނަށް ލިބިގެންދާނެ އެވެ.