މިއުނިކް (26 ޖޫން) – ޔޫރޯގެ ގުރޫޕް ސީގެ ފަހު މެޗުތައް ރޭ ކުޅުނުއިރު، އިންގްލެންޑާއި ސްލޮވީނިއާ ބައްދަލުކުރި މެޗާއި ޑެންމާކާއި ސާބިއާ ބައްދަލުކުރި މެޗުވެސް ނިމުނީ ލަނޑެއް ނުުޖެހި އެއްވަރުވެގެންނެވެ. މި ނަތީޖާތަކާއެކު މި ގުރޫޕްގެ އެއްވަނަ އިންގްލެންޑަށް ލިބުނުއިރު، ދެވަނައަށް ދިޔައީ ޑެންމާކެވެ.

ގުރޫޕް ސީގެ މެޗުތައް ނިމުނުއިރު، ގުރޫޕްގެ އެއްވަނަ އިންގްލެންޑް ހޯދީ ފަސް ޕޮއިންޓާއެކުއެވެ. ޑެންމާކާއި ސްލޮވީނިއާއަށް ތިން ޕޮއިންްޓް ލިބިފައި އޮތް ނަމަވެސް، ޑެންމާކަށް ދެވަނަ ލިބުނީ ޑިސިޕްލިނަރީ ރެކޯޑަށް ބަލާފައި ސްލޮވީނިއާއަށްވުރެ މަދުން ރީނދޫ ކާޑު ދައްކާފައިވާތީ އެވެ. ޑިސިޕްލިނަރީ ރެކޯޑަށް ބަލަންޖެހުނީ ޑެންމާކާއި ސްލޮވީނިއާ ބައްދަލުކުރި މެޗު އެއްވަރުވިއިރު، މި ދެ ޓީމުގެ ފައިދާ ގޯލާއި ޖެހި ގޯލާއި ކޮޅަށް ވަތް ގޯލުންވެސް އެއްވަރުވެފައިވާތީ އެވެ.

ދެވަނަ ނުލިބުނަސް، ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ހަތަރު ޓީމުގެ ތެރޭގައި ހިމެނޭތީ ސްލޮވީނިއާއަށް ވަނީ ގަދަ 16ގެ ޖާގައެއް ލިބިފަ އެވެ.

ދެ ޕޮއިންޓާއެކު، ސާބިއާ ގުރޫޕް ނިންމާލީ ހަތަރު ވަނައިގަ އެވެ.

ސްލޮވީނިއާއާ އެއްވަރުވެ، އިންގްލެންޑް ގުރޫޕްގެ އެއްވަނަ ހޯދި ނަމަވެސް، ރޭގެ މެޗުގައިވެސް އެ ޓީމުގެ ފަރާތުން ފެނުނީ ސަޕޯޓަރުންގެ ހިތްހަމަޖެހޭ ފެންވަރުގެ ކުޅުމެއް ނޫނެވެ. މެޗަށްފަހު، އިންގްލެންޑްގެ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުންތައް ފާޅުކޮށްފަ އެވެ.

ސަޕޯޓަރުން ނުރުހުން ފާޅުކުރުމުން އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ވަނީ އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އެންމެ މުހިންމުކަމަކީ ސަޕޯޓަރުންގެ ޓީމުގައި ފަހަތުގައި ތިބުން،" ސައުތުގޭޓް ބުންޏެވެ.

ގަދަ16ގެ ބުރުގައި އިންގްލެންޑާއި ދެކޮޅަށް ނުކުންނާނީ ނެދަލޭންޑްސް ނުވަތަ ގުރޫޕް އީގެ ތިން ވަނަ ޓީމެވެ.

ޔޫރޯ 1992 ވަނަ އަހަރު ހޯދި ޑެންމާކްއާ ދެކޮޅަށް ގަދަ 16ގައި ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަަމަށްވާ ޖަރުމަނެވެ.

ޑެންމާކްގެ ކޯޗު ކެސްޕާ ހިއުލްމަންޑް ބުނީ މުބާރާތް ބާއްވާ ގައުމުކަމަށްވާ ޖަރުމަނާ ދެކޮޅަށް ކުޅުމަކީ ހާސްވާންޖެހޭ ކަމެއް ނޫން ކަމަށެވެ.

"އަހަރަމެން މި ތަމްސީލުކުރަނީ ޑެންމާކްގެ ފުޓްބޯލް. އެކަމާ އުފާކުރަންޖެހޭ،" ހިއުލްމަންޑް ބުންޏެވެ.