ޝަމްނާޒް ހައްޔަރު ކުރިއިރު، އޭނާގެ ކުރީގެ ފިރިކަލުން ރަމީޒު ވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު "އެކަހެރި" ކޮށްފައި. ރައީސް މުއިއްޒުއާއެކު ކުރިން ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ރަމީޒް މިހާރު އެއްވެސް ހަރަކާތަކުން ނުފެނޭ.

ސިހުރު ހެދުމުގެ ތުހުމަތުގައި އެންވަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކޮށްފި އެވެ.

އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ދައުލަތުގެ އިސްވެރިއަކަށް ސިހުރު ހެދި ކަމަށެވެ.

ޝަމްނާޒް ހައްޔަރު ކުރުމަށްފަހު ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އޭނާ ހާޒިރުކުރީ ހުޅުމާލޭ މެޖިސްޓްރޭޓު ކޯޓަށެވެ.

ޝަމްނާޒް ހައްޔަރު ކުރުމުގެ ކުރިން ހުޅުމާލޭގައި އޭނާ ދިރިއުޅެމުންދިޔަ އެޕާޓްމަންޓް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި ފުލުހުން އެ ގެއިން ބައެއް ސާމާނު ގެންގޮސްފައިވެ އެވެ.

ޝަމްނާޒް ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަންކުރެއްވިއިރު އޭނާއަކީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒްގެ އަނބިކަނބަލުންނެވެ. ނަމަވެސް ދެކަނބަލުންގެ ކައިވެނި ވަނީ މި މަހު ރޫޅިފަ އެވެ.

ރައީސް މުހައްމަދު މުއިއްޒު އިންތިހާބުވުމުން ޝަމްނާޒް މާލޭ ސިޓީ ކައުންސިލްގެ މެންބަރު ކަމުން މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުން އޭނާ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރީ ޖެހިގެން އައި ދުވަހު އެވެ.

އޭނާ ފުރަތަމަ އައްޔަން ކުރީ މުލިއާގޭގެ އިސްވެރިޔާގެ މަގާމަށެވެ. ނަމަވެސް މިދިޔަ އޭޕްރީލް މަހު ވަނީ އެންވަޔަރުމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކޮށްފަ އެވެ.

ޝަމްނާޒް ހައްޔަރު ކުރިއިރު، އޭނާގެ ކުރީގެ ފިރިކަލުން ރަމީޒު ވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު "އެކަހެރި" ކޮށްފަ އެވެ.

ރައީސް މުއިއްޒުއާއެކު ކުރިން ވަރަށް ގާތްކޮށް މަސައްކަތް ކުރެއްވި ރަމީޒް މިހާރު އެއްވެސް ހަރަކާތަކުން ނުފެނެ އެވެ.

ޝަމްނާޒް ހައްޔަރު ކުރިއިރު، އޭނާގެ ތިން ކުދިން ތިބެ އެވެ. އޭގެ ތެރޭގައި އުމުރުން އެއް އަހަރު ނުފުރޭ ތުއްތު ކުއްޖަކު ވެސް ހިމެނެ އެވެ.