މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެން ހުރަވީ ސްކޫލުގައި ގާއިމުކޮށްފައިވާ ވޮކޭޝަނަލް ހަބް "ހުނަރު ވެހި" އަށް ބޭނުންވާ ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

މީގެ ތެރޭގައި ހިމެނެނީ ހުނަރުވެހީގައި ކުރިއަށް ގެންދާ ތަމްރީނުތަކުގައި ބޭނުންކުރާ ތަކެއްޗެވެ. އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ހުރަވީ ސްކޫލްގައި މިދިޔަ އަހަރު ހުޅުވި ހުނަރު ވެއްސަކީ ރާއްޖޭގެ ތައުލީމީ ނިޒާމްގެ ތެރެއިން އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައި ދިނުމަށް މަގުފަހިކުރުމުގެ ގޮތުން ހުޅުވި ތަނެކެވެ.

ހުރަވީ ސްކޫލުގެ "ހުނަރު ވެހި" އަށް ބޭނުންވާ ސާމާނުތައް އެމްއޭސީއެލް އިން ވަނީ ހަދިޔާކޮށްފައި

ހުނަރު ވެހީގައި މިހާތަނަށް ތަފާތު އެކި ދާއިރާތަކުން ދަރިވަރުން ދަނީ ގައުމީ ފެންވަރުގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯސްތައް ފުރިހަމަ ކުރަމުންނެވެ. އެގޮތުން، މިވަގުތު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 18 ދަރިވަރަކު ދަނީ އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓެނަންސް ކޯސް އަދި 15 ދަރިވަރަކު ދަނީ ފަހަން ދަސްކުރުމުގެ ސެޓްފިކެޓް ލެވެލެ 3ގެ ކޯސް ފުރިހަމަ ކުރަމުންނެވެ.