ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ބޮޑެތި އަދި ގިނަ ފިޔަވަޅުތަކެއް އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް މުއިއްޒު ވަނީ އެކްސް މެދުވެރިކުރައްވައި އެ ފިޔަވަޅުތައް އިއުލާން ކުރައްވާފަ އެވެ.
އެގޮތުން ސިޔާސީ މަގާމުތަކުގެ އަދަދު މަދުކޮށް އަދި އެކިއެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކުގެ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުމަކީ ހަރަދު ކުޑަކުރުމަށް އަޅާނެ ފިޔަވަޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ފުޅަނދު ބުރާއި ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ވެސް ރައީސް ވަނީ ނިންމަވާފަ އެވެ.
މިނިވަން ދުވަހުގެ ޖަލްސާއެއް އެކަނި ބާއްވައި، ހަރަދުތައް އެތައް ގުނައަކުން ކުޑަކުރަން ނިންމައި އެކަން ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމަށްޓަކައި ކުރިއަށް އޮތް ދުވަސްވަތުގައި އިތުރު ފިޔަވަޅުތަކެއް ވެސް އަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ދައުލަތުގެ ހަރަދުތައް ދެކޮޅު ނުޖެހުމުން ޓެކްސްތައް ބޮޑުކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.