މާފުށީ ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ ގައިދީއަކު އިއްޔެ މަރުވީ ސަޖިދައިގައި އޮއްވައި ކަމަށާއި މަރުވި މީހާގެ ޕޯސްޓްމޯޓަމް ހަދަން އަންގާފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.

ށ. ފުނަދޫ ޒަމާނީވިލާ، މުހައްމަދު ޖަމީލް، 45، އަކީ ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވާ މީހެކެވެ.

އޭނާ މަރުވީ ޖަލު އޮފިސަރުންގެ ކުރި އަނިޔާތަކުގެ ސަބަބުން ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން އަންނަނީ ތުހުމަތު ކުރަމުންނެވެ. ޖަމީލްގެ މޫނުމަތީގައި ނޫފައިގެންފައިވާ ތަނެއް ހުރުމުން އެއީ އަނިޔާއެއްގެ ނިޝާން ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން އެކްސްގައި އިހްސާން ވިދާޅުވީ ޖަލުގައި ކޮންމެ ގައިދީއަކު މަރުވިއަސް، އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އިން އެ ކަން ހިނގައިދިޔަ ގޮތުގެ މިނިވަން ތަހުގީގެއް ހިންގާނެ ކަމަށެވެ. ޝައްކު އުފެދޭ ކަމެއް އުޅޭ ނަމަ އެޗްއާރުސީއެމުން ވެސް މިނިވަން ތަހުގީގެއް ހިންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭ ފަތިސް ނަމާދަށް ފަހު ޖަމީލް ހުޅުމާލެ ސަހަރާގައި ވަޅުލާން ނިންމާފައި ވަނިކޮށް މިނިސްޓަރު އިހްސާން ވަނީ އާއިލާގެ ހުއްދަ ހޯދައިގެން އޭނާގެ ޕޯސްޓްމޯޓަމް ހަދައި މަރުގެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގަން އަންގަވައިފަ އެވެ.

މިނިސްޓަރު ވިދާޅުވީ ޖަމީލް އެންމެ ފަހު ވަގުތު ނަމާދުކުރާ ތަން، އެ ގޮޅީގައި ހުރި ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށެވެ. ޖަމީލްގެ ނިޔާވެފައި ވަނިކޮށް ފެނުނީ ސަޖިދައިގައި އޮއްވައި ކަމަށް ވެސް ވިދާޅުވި އެވެ.