މީހެއްގެ ސިކުނޑި އެންމެ ފުރިހަމައަށް މަސައްކަތް ނުކުރާކަން ހާމަކޮށްދިނުމަށްޓަކައި ހަނދު ބޮޑުވެފައި ހުރި މީހެކޭ ދިވެހި ބަހުން ބުނެފާނެ އެވެ. ހަނދުބޮޑުވުން މަޖާޒީ ގޮތުން ސިކުނޑީގެ އުނިކަން ނުވަތަ މޮޔަވުމާ ގުޅުވަ އެވެ. އެގޮތަށް ހަނދާއި ސިކުނޑިއާ ގުޅޭ ނަންތައް ހުރީ ދިވެހިބަހުގައި އެކަންޏެއް ނޫނެވެ. އިނގިރޭސި ބަސް ފަދަ ބޮޑެތި ބަސްބަހުގައި ވެސް އެފަދަ ބަސް ބަސް ހުރެ އެވެ.
ހަނދު ކޭތަ ހިފާ ރޭރޭ، އިހުގެ ދިވެހިން އާދަކާދައިގެ ގޮތުން ކޮށް އުޅުނު ވަރަށް ގިނަ ކަންތައްތަކެއް ހުއްޓެވެ. ކުޑަކުދިންގެ ގައިގައި ތެޅުމާއި ބައެއް ގަސްގަހާ ގެހީގެ ބައިތައް ކަނޑާލުން ފަދަ ގިނަ ކަންތަކެއް ކޮށް އުޅުނެވެ. ހަނދު ކޭތަ ހިފާ ވަގުތަކީ އާދަޔާ ޚިލާފު ބާރެއް ދުނިޔެއަށް ފެތުރިފައި އޮންނަ ވަގުތެއް ކަމުގައި ބަލައި އެކިއެކި ކަންކަން ހާސިލުކުރުމަށްޓަކައި ކޮށް އުޅުނު ވަރަށް ގިނަ ކަންތައްތަކެއް މިހާރު ވަނީ ޒަމާނާއެކު ފާއިތުވެ ގޮސްފަ އެވެ.
ހަނދުގެ ދައުރުވުމާ އިންސާނުންގެ ދިރިއުޅުމާ ދެމެދުގައި ޒަމާނުއް ސުރެ އޮތް ގުޅުމަކީ ވަންހަނާ ވާން އޮތް ކަމެއް ނޫނެވެ. ދިރިއުޅުގެ ތެރޭން ކަނޑައެޅިގެން ފެންނަން ހުރި ނިދުމާއި ހޭލުމުގެ އާދަތައް ފަދަ ކަންތައްތަކާ މެދު ދެބަސްވެވެން ނެތް ކަމުގައި ވިޔަސް މިޒަމާނުގެ ސައިންޓިފިކް ތަހުލީލުތަކުން ސީދާ ޖަވާބެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ބައެއް ކަންކަމާ މެދު ގަދީމީ ބައެއް ފިލޯސަފަރުން ވެސް ވަނީ ދައްކާފަ އެވެ.
ގްރީކްގެ ފިލޯސަފަރު އެރިސްޓޯޓްލެ އާއި އެނޫން ވެސް ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި މޮޔަވުމާއި ފިޓު ޖެހުމަކީ ހަނދާއި ސީދާގުޅުން ހުރި ދެބައްޔެވެ. ވަރަށް ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ހަނދު ބޮޑުވާ ރޭރޭ ކަމުގައިވާ ސާދަ ވިލޭރެއާއި ފަނަރަ ވިލޭރޭ ކުދިން ވިހެއުން ވެސް ގިނަވާނެ އެވެ. މާބަނޑު މީހުންނާ ބެހޭ މިކަމަކީ ދިރާސާކޮށް ޔަގީން ކުރަން ޖެހިފައިވާ ކަމެއް ކަމަށް ސައިންސް ވެރިން ދެކެ އެވެ.
ހަނދާއި އިންސާނުންގެ ސިކުނޑިއާ ހުރި ގުޅުން، ހިނަމުން އަން ގޮތް އަދި މުޅިން ޔަގީންނުވި ކަމަށް ވިޔަސް ހަނދުގެ ގްރެވިޓީގެ ބާރާއި އިންސާނުންގެ ހަށިގަނޑުގައި ގިނަ އަދަދަކަށް ހުންނަ ފެނާއި ދެމެދު އުފެދޭ ރިއެކްޝަނެއްގެ ސަބަބުން ހަނދުގެ ދައުރުވުމުން އިންސާނުންނަށް ކޮންމެ ވެސް އަސަރުތަކެއް ކުރާ ކަމަށް ބެލެވެ އެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ހާޓް އެޓޭކާއި ސްޓްރޯކާއި އެޕިލެޕްޓިކް ފިޓު ޖެހުމާއި އަމިއްލައަށް މަރުވުން ފަދަ ކަންތަކާ ވެސް ހަނދުގެ ދައުރުވުމާ ގުޅުމެއްވެ އެވެ. ސައިންސްވެރިން ގެންދަނީ މިކަން އިތުރަށް ދިރާސާކުރަމުންނެވެ.
ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ހަނދުވަރު ބޮޑަށް ހަނދުވަރު ދޭ މޫސުމުގައި މަގުމަތީގެ ކުށްތައް ގިނަވެ އެވެ. އަތިރިމަތީގަ އާއި އެނޫނަސް ގިނައިން މީހުން އެއްވެ އުޅޭ ތަންތާގައި ވެސް ހަނދު ބޮޑުވުމާ ދިމާކޮށް އިތުރު ހަމަނުޖެހުން ހިނގަން ފުރުސަތުވެ އެވެ.
އިންސާނުންގެ ހިތާއި ސިކުނޑި ހަނދާ ގުޅިފައިވާ މިންވަރު އަދިވަނީ ރަނގަޅަށް ދިރާސާކޮށް ބަލާ ނުލެވިފަ އެވެ. މިހާތަނަށް ކުރެވިފައި ހުރި ދިރާސަތާއި ހޯދުންތަކަށް ބަލާއިރު ހަނދުގެ ދައުރުވުމާއި އިންސާނާގެ ސިކުނޑިއާ ކޮންމެ ވެސް ވަރެއްގެ ގުޅުމެއްވެ އެވެ. އެ ގުޅުމަކީ ދުނިޔޭގެ ދަގައްފާނު ފީލްޑުތަކުން ހަނދުގެ ދައުރުވުމާ ގުޅިގެން ނިކުންނަ ރިއެކްޝަނަކުން ހިނގާ ކަމެއް ކަމެއް ނުވަތަ ހަނދުގެ ގްރެވިޓީގެ ސަބަބުން ކަނޑުގެ ދިޔަވަރު ބަދަލުވާ ބަދަލުވުމުގެ ޒަރީއާއިން އުފެއްދޭ ގޮތް ކަމަށް ވެދާނެ ކަމަށް ބެލެވެ އެވެ. އެ ގުޅުން އިތުރަށް ދިރާސާކުރުމަށް ސައިންސްވެރިން ކުރާ މަސައްކަތް ދަނީ ކުރިޔަށެވެ.
އެ ދިރާސަތަކުގެ ނަތީޖާ ލިބެންދެން ވެސް ވިސްނާލަން ޖެހޭކަމަކީ ހަނދުގެ ދައުރުވުމާއި އިންސާނުންގެ ސިކުނޑިއާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާކަމެވެ.