މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެމެރިކާގެ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްއަށް ފަހު ރައީސް ޖޯ ބައިޑަންގެ އުމުރު ދޮށިވުމުން އެ މަގާމަށް ފިޓްވާނެތޯ ބައިޑަން ނިސްބަތްވެ ވަޑައިގަންނަވާ ޑިމޮކްރެޓުންގެ މެދުގައި ސުވާލު އެފެދެން ފަށައިފި އެވެ.

އާދީއްތަ ދުވަހު އާންމުކުރި ސީބީއެސް ނިއުސް ޔޫތު ގޮވް ޕޯލްއިން ދައްކާ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ތެރެއިން 72 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި ރައީސްކަމުގެ މަގާމު އަދާކުރުމުގެ ނަފްސާނީ އަދި އެދެވޭ ރަނގަޅު ސިއްހަތެއް ރައީސް ބައިޑަންގެ ކިބައިގައި ނެތެވެ. ނަމަވެސް މި ވޯޓްގެ 49 ޕަސެންޓް މީހުން ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ދެކޮޅެވެ.

ވޯޓުގައި ބައިވެރިވި ޑިމޮކްރެޓުންގެ ތެރެއިން 45 ޕަސެންޓް މީހުން ދެކޭ ގޮތުގައި އެހެން ކެނޑިޑޭޓަކަށް ރައީސް ބައިޑަން ފުރުސަތު ދެއްވަން ޖެހެ އެވެ.

އެމެރިކާގެ ރައީސް ބައިޑަންގެ އުމުރަކީ 81 އަހަރެވެ. އަދި ކުރީގެ ރައީސް ޓްރަމްޕްގެ އުމުރަކީ 78 އަހަރެވެ. ބައިޑަންގެ ވާނުވާ އަމަލުތަކާއި ވާހަކަ އޮޅުންބޮޅުންވުން ފަދަ އެކި ސަބަބުތަކާމެދު ބައެއް ޑިމޮކްރެޓުންގެ މެދުގައި އޭނާގެ ކެންޑިޑެސީއާ މެދު ކަންބޮޑުވުން އުފެދި، ބައިޑަން އިސްތިއުފާ ދެއްވުމަށް ބައެއް ފަރާތްތަކުން ވަނީ ގޮވާލައިފަ އެވެ.

މި ބަހުސަށް ފަހު ފަސްޓް ލޭޑީ ޖިލް ބައިޑަން އާއި ނައިބު ރައީސް ކަމަލާ ހެރިސް އަދި ކުރީގެ ރައީސް ބަރަކް އޮބާމާ ވަނީ މިއީ ބައިޑަންގެ އެންމެ ރަނގަޅު ޕާފޯމަންސް ނޫން ކަމަށް ގަބޫލުކުރައްވައިފަ އެވެ.

ނަމަވެސް ޑިމޮކްރެޓިކް ޕާޓީގެ ގިނަ ބައިވެރިން ވަނީ ބައިޑަން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ގޮވާލާ ވާހަކަ ދޮގުކޮށްފަ އެވެ.

އެހެން ނަމަވެސް ބަހުސްއަށް ފަހު ވޯޓުލާ މީހުންނާ ކޮށްފައިވާ އިންޓަވިއުތަކުގައި ސީބީއެސް ނިއުސްގެ ޕޯލްގައި ފާޅުކުރި ކަންބޮޑުވުންތަކަށް ގިނަ މީހުން ތާއީދު ކުރެ އެވެ. ބައެއް މީހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ ރައީސްގެ ހުށަހެޅުމުގެ ފެންވަރަށް ފަހު ބައިޑެންއާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި ބައިޑަން އަށް މިއަދު ގައުމު ހިންގުމުގެ ގާބިލުކަމާ މެދު އޮތް އިތުބާރު ކުޑަވެއްޖެ ކަމަށް ވެސް ބުނެ އެވެ.

އަންނަ ނޮވެމްބަރ 5 ގައި އޮންނަ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް ބައިޑަން އާއި ކުރީގެ ރައީސް ޓްރަމްޕެވެ. 2020 ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވެސް ވާދަކުރެއްވީ އޭރުގެ ރައީސް ޓްރަމްޕް އާއި މިހާރުގެ ރައީސް ބައިޑަން އެވެ. ޓްރަމްޕް އަށް އިންތިހާބު ނާކާމިޔާބުވެ ވަޑައިގަތީ 7 މިލިއަން ވޯޓްގެ ތަފާތުންނެވެ.