ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ރާއްޖެ އިން މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުމަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އެ ޖަމިއްޔާގެ މެމްބަރު ގައުމުތަކާއި އޯގަނައިޒޭޝަން އޮފް ދަ އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ މެންބަރު ގައުމުތަކުގެ މެދުގައި އެކުލަވާލާ އެއްބަސްވުމެކެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯއޭސީޕީއެސްގެ އޮފީހުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކިންގްޑަމް އޮފް ބެލްޖިއަމަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ގީލާ އަލީ އެވެ.

އަދި މި އެއްބަސްވުމުގައި ސޮއިކުރުމުން، ދިވެހިރާއްޖޭގެ ގާނޫނުއާސާސީއާ ފުށުއަރާ މާއްދާތަކަށް "ޑެކްލަރޭޝަން" އަދި "ރެޒަވޭޝަން" ވެސް ހުށަހެޅި އެވެ. މި "ޕާޓްނާޝިޕް އެގްރީމަންޓް" އަކީ ރާއްޖޭން ޔޫރަޕިއަން ޔޫނިއަންއާ އެކު ސޮއިކުރި މިފަދަ އެންމެ ފުރަތަމަ އެއްބަސްވުމެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ މި "ޕާޓްނާޝިޕް އެގްރީމަންޓް" އަކީ ދިވެހިރާއްޖޭން ޔޫރަޕިއަން ޔޫނިއަން އާއެކު ސޮއިކުރި މިފަދަ އެންމެ ފުރަތަމަ އެއްބަސްވުން ކަމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އިގްތިސާދީ، ދެމެހެއްޓެނިވި ތަރައްގީ އަދި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރެވޭ މަސައްކަތްތައް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި އޯއޭސީޕީއެސްގެ މެމްބަރު ގައުމުތަކަށް އީޔޫގެ ތެރެއިން ލިބޭ ލުއި ފަސޭހަ އިންތިޒާމްތައް ދިވެހިރާއްޖެއަށް ލިބުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"ސަމޯއާ އެގްރީމަންޓް" ގެ ނަމުން އާންމުކޮށް ނަން ދީފައިވާ މި އެއްބަސްވުމަކީ ކުރިއަށް އޮތް ވިހި އަހަރަށް ޔޫރަޕިއަން ޔޫނިއަން އާއި އޯއޭސީޕީއެސް އާ ދެމެދު އޮންނަ ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެއްބަސްވުމެކެވެ.

މި މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ އެވެ. މި އެއްބަސްވުމަކީ އޯއޭސީޕީއެސްގެ 79 ގައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ޤައުމު ހިމެނޭ ގޮތަށް އެކުލަވާލައިފައިވާ އެއްބަސްވުމެކެވެ.