ވޮޝިންޓަން (ޖުލައި 4) - އެމެރިކާގައި މި އަހަރުގެ ފަހުކޮޅު އޮންނަ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނެރެފައިވާ މިހާރުގެ ރައީސް ޖޯ ބައިޑަން އަށް މި ވަނީ ވަރަށް ބޮޑު މައްސަލައެއް ކުރިމަތިވެފަ އެވެ. މިދިޔަ ހަފުތާގައި ބޭއްވި ރިޔާސީ ބަހުސްގައި ބައިޑަން ފެނުނީ ވަރަށް ދަށްކޮށެވެ. ރިޕަބްލިކަން ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ދެކޮޅަށް ބަހުސްގައި ބައިޑަން ދެއްކެވި ވާހަކަފުޅަށް ފަހު އަމިއްލަ ޕާޓީގެ ތެރޭން ވެސް ވަނީ ބައިޑަންއާ އެކު އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދިފަ އެވެ. އެހެންވެ ޕާޓީގެ ތެރޭގައި ވެސް މިހާރު އެންމެ ގަދަވެފައިވާ އަޑަކީ ބައިޑަންގެ ބަދަލުގައި އެހެން ކެންޑިޑޭޓެއް ނެރުމެވެ.
ސްޓޭޓްތަކުގެ ޕްރައިމަރީން ހޮވުނު ކެންޑިޑޭޓަކު ބަދަލު ކުރެވިދާނެތޯ އެއްބަޔަކު ސުވާލު އުފައްދަ އެވެ. ނަމަވެސް އެއީ އަދި ކުރެވިދާނެ ކަމެކެވެ. ނޮވެމްބަރު މަހު އޮންނަ އިންތިޚާބުގެ ކުރިން އަދި އެކަމަށް ވަގުތު އެބައޮތެވެ.
ޓްރަމްޕާ އެކު ބޭއްވި ބަހުސަށް ފަހު އުމުރުފުޅުން 81 އަހަރުގެ ބައިޑަންގެ ކެމްޕޭން ކުރިއަށް ގެންދާނެތޯއާ މެދު ވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ. ބައިޑަން ޕާފޯމް ކުރެއްވިލެއް އެހާ ވެސް ދަށެވެ. އެހެންވެ ޑިމޮކްރެޓިކުންގެ ވެސް ސުވާލަކަށްވީ ބައިޑަންގެ ފިޓްނަސް އާއި ރައީސްގެ ޒިންމާތައް އަދާކުރެވިދާނެތޯ އެވެ.
ބަހުސަށް ފަހު ނެގި އާއްމުޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަނީ ރިޕަބްލިކަން ކެންޑިޑޭޓަށް ބޮޑު އެޑްވާންޓޭޖެއް އޮތް ކަމަށެވެ. ބަހުސަށް ފަހު ނިއު ޔޯކް ޓައިމްސް އިން ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކަނީ ޓްރަމްޕް ހަ ޕޮއިންޓް ކުރީގައި އުޅުއްވާ ކަމަށެވެ. މިއީ މި ކެމްޕޭނުގައި އެމަނިކުފާނު ނެންގެވި އެންމެ ބޮޑު ލީޑެވެ. ބީބީސީގެ އެމެރިކާގެ ޕާޓްނަރު ސީބީއެސް ނިއުސް އިން، ވާދަވެރި ސްޓޭޓްތަކުގައި ނެގި ޕޯލަކުން ވަނީ ތިން ޕޮއިންޓުގެ ލީޑެއް ޓްރަމްޕް ނަންގަވައިފަ އެވެ.
ބަހުސްގައި ބައިޑަންގެ ޕާފޯމެންސް ދަށްވުމުން، ޑިމޮކްރެޓިކުންނަށް ފަންޑުކުރާ ފަރާތްތަކާއި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން ވެސް ދަނީ ބައިޑަން އެއްފަރާތަކަށް ޖެހިވަޑައިގަތުމަށް ގޮވާލަމުންނެވެ.
ޑިމޮކްރެޓިކްސް އަށް 1988 ވަނަ އަހަރުން ފެށިގެން ފަންޑް ހޯދުމުގެ މަސައްކަތުގައި އުޅުއްވާ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެއް ކަމަށްވާ ރަމޭޝް ކަޕޫރު ވިދާޅުވީ މިއީ ބައިޑަން، ޓޯޗް ޕާސްކުރައްވަންވީ ވަގުތު ކަމަށެވެ.
ކޮންގްރެސްގައި ހިމެނޭ ޑިމޮކްރެޓިކް ދެ މެންބަރަކު ވެސް ވަނީ ޕާޓީގެ ޓިކެޓް ބަދަލު ކުރުމަށް ގޮވާލައިފަ އެވެ.
ސީއެންއެން އާއި ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިޔާސީ ރޭހުގައި ދެމިހުންނެވުމާ މެދު ބައިޑަން މިހާރު ގެންދަވަނީ ވިސްނަވަމުންނެވެ. ނަމަވެސް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރީން ޖީން-ޕިއޭރީ ވަނީ އެ ރިޕޯޓްތައް ދޮގު ކުރައްވައިފަ އެވެ.
ބައިޑަން އިއްޔެ ވަނީ ޑިމޮކްރެޓިކް ގަވަރުނަރުންގެ ތެރޭން 20 ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ. އޭގެ ތެރޭގައި ރިޔާސީ ރޭހެއްގައި ވާދަކުރައްވަން އެކަށީގެންވާ ކެންޑިޑޭޓުން ވެސް ހިމެނެ އެވެ. އޭގެ ތެރޭން އެއްބޭފުޅަކު ނިއު ޔޯކުގެ ގަވަރުނަރު އުމުރުން 59 އަހަރުގެ ކެތީ ހޮޗުލް އެވެ. އޭނާ ވިދާޅުވީ ބައިޑަން ބައްދަލު ކުރެއްވި ހުރިހާ ގަވަރުނަރުން ވެސް ވަނީ ރިޔާސީ ރޭހުގައި ބައިޑަން އަށް ތާއީދު އޮތްކަން ހާމަކުރައްވައިފަ އެވެ.
ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ބައިޑަންގެ ކެންޑިޑެސީ ރަސްމީކޮށް، ޑިމޮކްރެޓިކް ނޭޝަނަލް ކޮމިޓީން ފައިނަލް ކުރާނީ އޮގަސްޓް މަހު އޮންނަ އެ ޕާޓީގެ ކޮންވެންޝަނުގަ އެވެ. ރިޔާސީ ރޭހުގައި ބައިޑަން ވާދަކުރައްވަން ބޭނުންފުޅު ނޫން ނަމަ އެ ފުރުސަތު ދޭނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ނައިބް ރައީސް ކަމަލާ ހެރިސް އަށް ކަމަށް ބެލެވެ އެވެ.