އޮޅު ޖަނަވާރުން ގެންގުޅުމަކީ އަހަރުމެންގެ ތެރެއިން ގިނަ ބަޔަކު ކުރާހިތްވާ ސިއްހީ ގިނަ ފައިދާތަކެއް ވެސް އެކުލެވޭ ކަމެކެވެ. އޮޅު ޖަނަވާރެއްގެ ގޮތުގައި ގެންގުޅެން އެންމެ ރަނގަޅީ ކޮން ޖަނަވާރެއްތޯ ކުރެވޭ ސުވާލުގެ ޖަވާބަކީ ބުޅަލެވެ. ސަބަބުތަކަށް ބަލާލާނަމެވެ.
މިނިވަން ޖަނަވާރެއް
އަވަދިނެތި ދިރިއުޅުމުގައި އުޅޭއިރު އޮޅު ޖަނަވާރަކަށް ގިނަ ވަގުތު ދެވެން ނެތްނަމަ އެންމެ ރަނގަޅީ ބުޅަލެއް ގެންގުޅުމެވެ. ސަބަބަކީ ބުޅަލަކީ އަމިއްލައަށް އުޅެން އެނގޭ މިނިވަން ޖަނަވާރަކަށް ވުމެވެ.
އަމިއްލައަށް ސާފުތާހިރުވޭ
އެހެނިހެން ޖަނަވާރުންތަކާ ޚިލާފަށް ބުޅަލަކީ އޭގެ އަމިއްލަ ނަފްސު ބަލަހައްޓަން އެނގޭ ސާފުތާހިރު ޖަނަވާރެކެވެ. އެހެން ކަމުން ސާފުތާހިރު ކުރުމުގައި ކުރަންޖެހޭ ކަންކަން މަދުވާނެ އެވެ.
ކުޑަ ޖާގަތަކުގައި ގެންގުޅެވޭ
މާލޭގެ ގޭގެއަކީ ޖާގައިގެ ގޮތުން އެހާ ތަނަވަސް ތަންތަނަށް ނުވާއިރު އެތަންތަނުގައި އޮޅު ޖަނަވާރު ގެންގުޅެން އުނދަގޫވެ އެވެ. އެހެން ނަމަވެސް ބުޅަލަކީ ކިތަންމެ ކުޑަ ތަންކޮޅެއްގައި ވެސް ދިރިއުޅޭ ޖަނަވާރެކެވެ.
ވަރުގަދަ ގުޅުމެއް
ބުޅަލަކީ އޭގެ ވެރިންނަށް ވަރަށް ވަފާތެރި ޖަނަވާރެކެވެ. ރަނގަޅު ގޮތުގައި ގެންގުޅެފިނަމަ އެއީ ހަޔާތުގައި ލިބޭނެ ރަނގަޅު އެކުވެރިއެކެވެ.
ދިރޭ ސޫފާސޫފި ނައްތާލަދޭ
ގޭގައި އެކި ކަހަލަ ސޫފާސޫފި އުޅޭނަމަ ބުޅަލެއް ގެންގުޅުން ބުއްދިވެރި އެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އެ އެއްޗެހި މަރާލައި ގެއަކީ ސާފުތާހިރު ތަނަކަށް ހަދައިދޭނެ އެވެ.
ބުޅަލަކީ އަހަރުމެންގެ ލޮބުވެތި ރަސޫލާ ވެސް ލޯބި ކުރެއްވެވި ޖަނަވާރެކެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅުގައި މުއެއްޒާ ނަމަކަށް ކިޔާ ބުޅަލެއް ވަރަށް ލޯތްބާއެކު ގެންގުޅުއްވި އެވެ.