ސަލްމާންއާއެކު އުފެދުނު ދެކޮޅުވެރިކަމުގެ ސަބަބުން އެކްޓަރު ވިވެކް އޮބެރޯއީގެ މުޅި ފިލްމީ ކެރިއަރު ހުއްޓުމަކަށް އައި ކަމަށް އޭނާ ބުނެފި އެވެ.

ލަންޑަންގައި ބޭއްވި އިވެންޓެއްގެ ތެރެއިން މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވިވެކް ބުނީ ބޮލީވުޑްގެ ނުފޫޒުގަދަ ބައެއް ފަރާތްތަކުން އޭނާއަށް ފުރުސަތުތައް ނުދިނުމަށް މަސައްކަތް ކުރި ކަމަށެވެ.

"އަހަންނަށް ވަރަށް ކާމިޔާބު ލިބުނު. އެވޯޑުތައް ވެސް އައީ ލިބެމުން. އެކަމަކު އެ ހުރިހާ ކަމެއް ގެއްލުނީ ބޮލީވުޑްގައި ނުފޫޒުގަދަ ބައެއް މީހުންގެ ސަަބަބުން،" ވިވެކް ބުންޏެވެ.

މި ބީދައިން ވިވެކް ވާހަކަ ދެއްކި ނަމަވެސް އެއީ ކޮން ބައެއް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެ އެވެ. އޭގެ ތެރެއިން އެކަކަކީ ހަމަގައިމު ވެސް ސަލްމާން ޚާނެވެ.

2000ގެ ކުރީކޮޅު ވިވެކްއާއި އައިޝްވާރްޔާ ރާއީ ލޯބީގެ ގޮތުން ގުޅުނު ކަމަށް ބުނެ އަޑުތަކެއް އެރުމާއެކު ސަލްމާން އެކަމާ ހިތްހަމަނުޖެހުނެވެ.

ސަބަބަކަށްވީ އައިޝްވާރްޔާ ވިވެކްއާ ގުޅުނީ ސަލްމާންއާ ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެ ގުޅުން ނިމުމުން ކަމަށްވާތީ އެވެ.