އިދިކޮޅުން މިއަދު ހަވީރު ބާއްވާ އެއްވުން ރޫޅާލާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާ ޚިލާފަށް، އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ވެސް ޚިލާފަށް މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތަކެއް ބޭއްވުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ ކޯވިޑް- 19 ފެތުރުން އިހުނަށްވުރެ އިންތިހާއަށް އިތުރު ވެފައިވާ މި ނާޒުކު ދަނޑިވަޅަކީ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކޮށް މި ބަލިމަޑުކަމުން އަރައިގަތުމަށް އެކުގައި މަސައްކަތްކުރަންޖެހޭ ވަގުތު ކަމަށް ދެކޭ ކަމަށެވެ އަދި، މިފަދަ ގާނޫނާއި ގަވާއިދާ ޚިލާފު އެއްވުންތައް ބޭއްވުމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައިވެ އެވެ.

ފުލުހުން ވަނީ ހުރިހާ އެންމެން ވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކޮށް، ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓުމަށް އިލްތިމާސްކުރާ ކަމަށް ބުނެފަ އެވެ.

މާލެ ސަރަހައްދުގައި އެއްވެ އުޅުން މަނާކޮށް އެޗްޕީއޭއިން ނެރުނު އިއުލާނެއްގައި ވަކި ގޮތެއް އަންގަންދެން، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށެވެ.

ފުލުހުންގެ އިތުރުން ހޯމް މިނިސްޓްރީން ބުނީ ސިއްޚީ ޚިދުމަތްދޭ ތަންތަނުގެ ޖާގަފުރި، ރެއާދުވާލު ރައްޔިތުންގެ ޚިދުމަތުގައި މަސައްކަތްކުރާ ސިއްޚީ ޚިދުމަތްތެރިންނާއި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާ ނުބައްދަލު މިންވަރަށް ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ސިއްހީ މާހިރުންގެ އިރުޝާދުގެ ދަށުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފަށް އެއްވެސް ހަރަކާތެއް ހިންގުމަށް ސަރުކާރުން ޖާގަ ނުދޭނެ ކަމަށެވެ.

ނޫސްވެރިން ގެންދަނީ އެޗްޕީއޭ އުސޫލާ ޚިލާފަށް އެމްޑީޕީން "ރަށްވެހި ފަތިސް" ކެމްޕޭން ލޯންޗްކުރުމަށް ރޭ ޓީވީއެމްގައި ބޭއްވި ހަފުލާއާ ގުޅޭ ގޮތުން ފުލުހުން މީޑިއާ ގްރޫޕްގައި ސުވާލުތައް ކުރަމުންނެވެ. ނަމަވެސް އެ ސުވާލުތަކަށް ފުލުހުން މިހާތަނަށް އެއްވެސް ޖަވާބެއް ނުދެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އެ ހަފުލާ ބޭއްވުމަށް އެޗްޕީއޭ އިން ހުއްދަ ދެއްވީ ކޮން އުސޫލަކުން ކަމެއް ނުބުނެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ކެމްޕޭންކުރަން ހަމަހަމަ ފުރުސަތު ނުދޭ ކަމަށް ބުނެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ދަނީ ޝަކުވާކުރަމުންނެވެ.