މޯލްޑިވިއަންގެ އެއާބަސް އޭ 320 މަތިންދާބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުކޮށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އަލުން ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

މޯލިޑިވިއަންއިން މިއަދު ބުނީ ކުޑަ ޓެކްނިކަލް މައްސަލައަކާއި ކުރިން ޝެޑިއުލް ކޮށްފައިވާ އިންޖިނިއަރިން ސާވިސްއެއްގެ ސަބަބުން މެލޭޝިއާގެ ސެޕަން އިންޖިނިއަރިންގައި އެއާބަސް އޭ320 މަތިންދާ ބޯޓް މަރާމަތުކޮށްފައިވާ ކަމަށެވެ. އަދި މަސައްކަތް ނިމި މިއަދުގެ ވަގުތެއްގައި ފުލައިޓް އެނބުރި ރާއްޖެ އަންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މަތިންދާ ބޯޓު އެނބުރި އައުމާއެކު މިރޭ 9:00 ގައި އަލުން ޑާކާއަށް ދަތުރު ފެށުމަށް ޝެޑިއުލް ކުރެވިފައިވާ ކަމަށް ވެސް މޯލްޑިއަން އިން ބުނެ އެވެ.

ޑާކާއަށް އިއްޔެ ދަތުރުކުރަން ތައްޔާރުވެފައި އޮއްވާ އެއާބަސް އޭ320 ބޯޓަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން ދަތުރު ވަނީ ކެންސަލްކޮށްފަ އެވެ.