ހަތް ގައުމެއްގެ ސަފީރުން، ސަފީރުކަމުގެ ފަތްކޮޅު ރައީސް މުހައްމަދު މުއިއްޒަށް އަރުވައިފި އެވެ.

މިއަދު ސަފީރުކަމުގެ ފަތްކޮޅު އެރުވީ ތުރުކީ، ލިތުއޭނިޔާ، ތައިލެންޑް، ދެކުނު ކޮރެއާ، ޒަމްބިއާ، ރޮމޭނިއާ އަދި އުރުދުންގެ ސަފީރުންނެވެ.

ރައީސް އޮފީހުގައި ވަކި ވަކި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒަށް ފަތްކޮޅު އަރުވާފައިވަނީ ތުރުކީ އިން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑާ ސެމިހް ލުތްފޫ، ލިތުއޭނިޔާއިން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑާ ޑަޔަނާ މިކެވިޗިއެނޭ، އުރުދުން އިން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑާ މައެން ޚުރައިސަތު އަދި ޒަމްބިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ހައިކޮމިޝަނަރު ޕާސީ ޗަންދާ އެވެ.

ލިތިޔޭނިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

މީގެ އިތުރުން ރޮމޭނިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރު ސްޓެލޫޓާ އާހިޔޭ، ތައިލެންޑުން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރު ޕައިޓޫން މަހަޕަންނަޕޯން އަދި ދެކުނު ކޮރެއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ އެމްބެސެޑަރު މިޔޯން ލީ ވެސް ވަނީ މިއަދު ސަފީރުކަމުގެ ފަތްކޮޅު ރައީސަށް އަރުވައިފަ އެވެ.

ޒެމްބިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އެ މަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން..

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތައްފަހު، ކޮންމެ ސަފީރަކުވެސް ވަނީ ރައީސް މުއިއްޒާއި ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމާމެދު މަޝްވަރާ ކުރައްވާފަ އެވެ.

އެގޮތުން ތުރުކީގެ އައު ސަފީރާއެކު ސަލާމަތީ ކަންކަމާ ގުޅޭދާއިރާގެ އިތުރުން ވިޔަފާރިއާއި އިގްތިސާދު، އަދި މަތީ ތަޢުލީމުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރެއްވުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ރޫމޭނިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން..

ރޫމޭނިއާގެ އާ ސަފީރާއެކު މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމާއި ވިޔަފާރިއާއި ފަތުރުވެރިކަން ފުޅާކުރުމާއި ދެގައުމަށް ފައިދާހުރި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ.

ލިތުއޭނިޔާގެ އައު ސަފީރާ ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި ވިޔަފާރިތަކާއި، އިގުތިސާދީ ގޮތުން އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް ގުޅުންބަދަހި ކުރުން ހިމެނެ އެވެ.

އުރުދުންއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އެބޭފުޅާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން..

ކޮރެއާގެ އައު ސަފީރާ ރައީސް ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. އެގޮތުން ސިއްހީ ދާއިރާ ތަރައްޤީކުރުމާއި، ފަތުރުވެރިކަމާއި، ޢާންމު ސިއްހަތާގުޅޭ ދާއިރާއިން ފަންނީ ގާބިލުކަން ތަރައްޤީކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފަ އެވެ. އަދި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.