ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުން ހިންގި "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އެޅި ބައެއް ފްލެޓްތައް އޭގެ ހައްގުވެރިންގެ އަތުން ނިގުޅައިގެންފައިވާތީ އެކަމާ ދެކޮޅަށް ޕީޕީއެމް، ޕީއެންސީން މާލޭގއި ކުރަމުންގެންދާ މުޒާހަރާ އިން މިހާތަނަށް 28 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ބައެއް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މުޒާހަރާ ފެށުމުގެ ކުރިންނެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބޭފުޅުންގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އާއި ޕީޕީއެމްގެ ނައިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނާއި ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް އާއި ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު އާއި ޕީއެންސީގެ ކައުންސިލް މެމްބަރު އަހްމަދު ނަރީޝް ހިމެނިވަޑައިގަންނަވަ އެވެ.
މިއަދު ހަވީރު 4:00 ގައި މާލޭގެ އެކި ސަރަހައްދުތަކަށް މުޒާހަރާގެ ބައިވެރިން ވަނީ އެއްވެފަ އެވެ. ގިނަ އަދަދެއްގެ ފުލުހުން ނުކުމެ ވަނީ މުޒާހަރާ ކުރިއަށް ގެންދިޔުމަށް ހުރަސްއަޅާފަ އެވެ. ނަމަވެސް ބައެއް މަގުތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ އަޑުއުފުލަމުން ހިނގާލާފަ އެވެ.
މުޒާހަރާގެ ބައިވެރިން ސަރުކާރަށް ގޮވާލަމުން ދިޔައީ ސަރުކާރުން ނުހައްގުން އަތުލި ފްލެޓްތައް އޭގެ ހައްގުވެރިންނަށް ދިނުމަށެވެ.
ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ކުރިން ވިދާޅުވެފައި ވަނީ ކިތަންމެ ބަޔަކު ހައްޔަރުކުރިޔަސް މުޒާހަރާތައް ނުހުއްޓޭނެ ކަމަށެވެ.
މުޒާހަތާނުހުއްޓުވޭނެ