އެމެރިކާއިން މިދިޔަ ބުރާސްފަތި ދުވަހު ސީރިއާގެ ދެ އަސްކަރީ މަރުކަޒަކަށް ވައިގެ ހަމަލާ ދީފި އެވެ.
އެގައުމުން ބުނީ އެ އަސްކަރީ މަރުކަޒުތަކަކީ އީރާނުން ހިންގާ އަސްކަރީ މަރުކަޒުތަކެއް ކަމަށެވެ.
މިހަމަލާތަކަކީ ފާއިތުވެދިޔަ ދެ ހަފްތާގައި އެސަރަހައްދުގައި ތިބި އެމެރިކާގެ ފައުޖުތަކަށް ދިން ރޮކެޓް ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. އަދި މިހަމަލާގައި ސިފައިންތަކެއް މަރުވި ކަމަށް އެ ގައުމުގެ އޮފިޝަލަކު ބުންޏެވެ.
މިއީ އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން ވެރިކަމާ ހަވާލުވިފަހުން ދިން މިފަދަ ފުރަތަމަ އަސްކަރީ ހަމަލާ އެވެ. އަދި މިހަމަލާގެ ސަބަބުން ބައިޑަންއަށް ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް ޑިމޮކްރެޓިކް މެމްބަރުންގެ ފާޑުކިޔުންތަކާ ކުރިމަތި ވެފަ އެވެ.
އެމެރިކާގެ ފައުޖުތަކަށް ދިން ރޮކްޓް ހަމަލާތަކާއި، މި އަސްކަރީ މަރުކަޒުތަކާ ގުޅުމެއް ހުރިކަން ޔަގީންކުރެވިފައެއް ނުވެ އެވެ. ނަމަވެސް، އެމެރިކާގެ ސެކެޓްރީ އޮފް ޑިފެންސް ލޮއިޑް އޯސްޓިން ބުނީ އެ އަސްކަރީ މަރުކަޒުތަކަކީ އެމެރިކާގެ އަސްކަރިއްޔާގެ ފައުޖުތަކަށް ރޮކެޓް ހަމަލާދިން އީރާނުން އެހީވާ ޝީއީ ސިފައިން ކަމަށް ވަރަށް ބޮޑަށް ލަފާކުރެވޭ ކަމަށެވެ.
ޕެންޓަގަންގެ ތަރުމަޖާނު ޖޯން ކާބީ ވިދާޅުވީ މި ހަމަލާތަކަކީ ރައީސް ބައިޑެންގެ އިރުޝާދާ އެއްގޮތަށް ދިން ހަމަލާތަކެއް ކަމަށެވެ. އަދި އެ ހަމަލާތަކަކީ ހަމަ އެކަނި މިދިޔަ ހަފްތާގެ ރޮކެޓް ހަމަލާތަކުގެ ބަދަލު ހިފުމުގެގޮތުން ދިން ހަމަލާތަކެއް ނޫން ކަމަށާއި، އެއީ އެ ގައުމުގެ އަސްކަރީ ފައުޖުތަކަށް ދިމާވެފައިވާ ނުރައްކަލުން ސަލާމަތްކުރުމަށް ދިން ހަމަލާތަކެއް ކަމަށެވެ.
"މި ހަމަލާތަކުން ބޯޑަރު ކޮންޓްރޯލް ޕޮއިންޓެއްގައިވާ އަސްކަރީ މަރުކަޒުތަކެއް ވަނީ ހަލާކުކޮށްލެވިފައި. އޭގެ ތެރޭގައި އީރާނުން އެހީވާ ކަތަބް ހިޒްބުﷲ އަދި ކަތަބް ސައްޔިދް އައްޝުހާދާ ހިމެނޭ، " ކާބީ ވިދާޅުވި އެވެ.
އެމެރިކާގެ އޮފިޝަލުން ވިދާޅުވާގޮތުގައި، އެ އަސްކަރީ މަރުކަޒުތަކަކީ ވަގަށް ހަތިޔާރު އެތެރެކުރަން ބޭނުންކުރާ މަރުކަޒުތަކެވެ.
އެމެރިކާ އަސްކަރިއްޔާގެ ފުރަތަމަ ޕްލޭންއަކީ ސީރިއާގެ ސިޓީއެއް ކަމަށްވާ އަލްބޫ ކެމާލް އަށް ހަމަލާ ދިނުމެވެ. ނަމަވެސް، ހަމަލާ ދިން ދެވަނަ ސަރަހައްދު ފަހު ވަގުތު ބަދަލުކުރީ އެ ސަރަހައްދުގައި އާންމުން އުޅޭތީ އެވެ.