ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ މީހަކީ ގައުމަށް އަގުހުރި ދަރިއެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އާބާދީ ދުވަހާ ގުޅިގެން ތަހުނިޔާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހި އާބާދީއަށް ނިސްބަތްވާ ކޮންމެ ރައްޔިތަކީ މި ގައުމަށް އަގުހުރި ދަރިއެއް ކަމަށާއި، އެއިން ކޮންމެ ރައްޔިތަކީ ދިވެހިންގެ ކުރިމަގަށް ކުރާ އުއްމީދުގެ ބައިވެރިއެއް ކަމަށެވެ.

ދުނިޔޭގެ އަބާދީ ދުވަސް މިއަދު ފާހަގަކުރާއިރު ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ގައުމީ ފެންވަރުގައި މަޝްވަރާތައް ފަށަން ޖެހިފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައިވާކަން ވަނީ އެންމެފަހުން ކުރިއަށްގެންދިޔަ ބޯހިމެނުމުގެ ތަފާސްހިސާބުތަކުން ދައްކާފަ އެވެ.

މިކަންބޮޑުވުން އިތުރުވާ މައިގަނޑު ސަބަބަކީ ކައިރި މުސްތަގުބަލެއްގައި ރާއްޖޭގެ މަސައްކަތްކުރާ ޢުމުރުގެ އާބާދީ ބޮޑުތަނުން ދަށަށް ގޮސް ގައުމުގެ އިގްތިސާދަށް އަސަރުކުރާނެތީ އެވެ.

ރާއްޖޭގައި އެންމެފަހުން ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ މަސައްކަތްތަކުގެ ނަތީޖާ ދައްކާގޮތުގައި، 2014 ވަނަ އަހަރު ރާއްޖޭގެ އާބާދީއަކީ 338،434 މީހުންނެވެ. އަދި 2022 އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އާބާދީއަކީ 382،751 މީހުންނެވެ.

ފާއިތުވި 8 އަހަރު ތެރޭގައި އާބާދީއަށް އިތުރުވީ 44،317 މީހުންނެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5،500 ކުދިންނެވެ. ހަމަ މިއާއެކު މި މުއްދަތުގައި ރާއްޖޭގެ ދޮށީ އު މުރުގެ އާބާދީ އިތުރުވެގެންދާނެއެވެ. މިހާރު އޮތް ގޮތަށް އޮވެއްޖެނަމަ ރިޓަޔާވާ ބޮޑު އާބާދީއަކާއެކު މަސައްކަތްކުރާ އުމުރުގެ އާބާދީ ކުޑަވުމުގެ ސަބަބުން ގައުމުގެ ހިންގުމަށް ބުރަ ބޮޑުވެގެންދާނެކަމުގެ ކަންބޮޑުވުން އެކިފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 11 ވަނަ ދުވަހު އެވެ. މި ދުވަސް ފާހަގަ ކުރަން ފަށާފައި ވަނީ 1989 ވަނަ އަހަރު އދ. އިންނެވެ.