ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ ޑްރީމް ވޯކްސް އެންޓަޓެއިންމަންޓްގެ އެނިމޭޓަޑް ފިލްމު "ޝްރެކް 5" ރިލީޒް ކުރާނެ ތާރީހު އިއުލާން ކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އެ ކުންފުނިން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އިންތިޒާރަށް ނިމުމެއް އަންނަ ކަމަށާއި "ޝްރެކް 5" 2026 ވަނަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު ސިނަމާތަކަށް އަންނާނެ ކަމަށެވެ.

އެ ފިލްމުގެ މަސައްކަތް މިހާރު ފެށިފައިވާއިރު މިފަހަރުގެ ފިލްމުގައި މައިކް މަޔާސް، އެޑީ މޫރްފީ އަދި ކެމަރޫން ޑިއާޒް ރޯލުތަކަށް އަޑުއަަޅައިދޭނެ އެވެ.

އެގޮތުން ޝްރެކް، ފިއޯނާ އަދި ޑޮންކީގެ ރޯލުތައް އެ ފިލްމުން ފެންނާނެކަން ޔަގީންވެފައި ވީނަމަވެސް "ޕުސް އިން ބޫޓްސް"ގެ ފެނިލުމެއް ފެންނާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.

އެންމެ ފަހުން ޝްރެކްގެ ފިލްމެއް އާއްމުންނާ ހަމައަށް އައިސްފައިވަނީ 2010 ވަނަ އަހަރު އެވެ. އެ ފިލްމަށް ވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެންދިޔަ އެވެ.

ޑްރީމް ވޯކްސްގެ މި އިއުލާނާއެކު ގިނަ ބަޔަކު އަންނަނީ އުފާ ފާޅުކުރަމުންނެވެ. އަދި ޝްރެކްގެ އާ ފިލްމަށް ކެތްމަދުވެފައިވާ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.