އިސްލާމް ދީނުގެ ނިއުމަތަކީ އިންސާނަކަށް މި ދުނިޔޭގައި ލިބޭނެ އެންމެ ބޮޑު ނަސީބެވެ. ހާއްސަކޮށް އެހެން ދީނެއްގެ އާއިލާއަކަށް އުފަންވެ ހަޔާތުގެ ވަކި ހިސާބަކުން އިސްލާމް ދީނުގެ މާތް ހިދާޔަތު ލިބުމަކީ ހާއްސަ ކަމެކެވެ.

އެފަދަ ނަސީބެއް ލިބުނު އެއް އަޚަކީ ސްޕެއިންގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިއެއް ކަމަށްވާ ޖޯސޭ އިގްނާސިއޯ (ޖޯޓާ) އެވެ. އޭނާ އިސްލާމް ދީން ގަބޫލުކުރީ މިއަހަރުގެ ކުރީކޮޅު އެވެ.

ނަސާރާ ދީނުގެ މައިންބަފައިންނަށް އުފަން ޖޯޓާއަކީ އެންމެ ކުޑައިރުއްސުރެ އެ ދީނުގެ ކަންކަމުގެ ތެރޭގައި އުޅެ ބޮޑުވިޔަސް އެކަންކަމަށް މާ ބޮޑު ސަމާލުކަމެއް ދިން މީހެއް ނޫނެވެ.

އިސްލާމް ދީނަކީ އޭރު އޭނާއަށް ނޭނގޭ ދީނެކެވެ. އިސްލާމް ދީނުގެ އުސޫލުތަކާއި ގަބޫލުކުރުންތަކަކީ އޭރު އޭނާއަށް ބީރައްޓެހި ކަންކަމެވެ.

އެހެން ނަމަވެސް އޭނާގެ ހަޔާތް ބަދަލުކޮށްލީ އޭނާގެ ހަޔާތަށް އައި ކުވެއިތަށް ނިސްބަތްވާ ރަހުމަތްތެރިއެކެވެ. ފައިސަލް ބުރެސްލީއާއި އޭނާގެ އާއިލާގެ ފަރާތުން ޖޯޓާއަށް ފެނިގެންދިޔައީ މީގެ ކުރިން ފެނިފައިނުވާ ކަންކަމެވެ.

ޖޯޓާ

ޖޯޓާ ބުނި ގޮތުގައި އިސްލާމް ދީނުގެ ކަންކަން ދިރާސާކޮށް ދަސްކުރަން އޭނާގެ ޝައުގުވެރިކަން އުފެދުނީ ފައިސަލްގެ ދިރިއުޅުން ފެނުމުން ކަމަށެވެ.

އެގޮތުން ހޯދި ހޯދުންތަކުން އިސްލާމްދީނަކީ ދިރިއުޅުމުގެ އެންމެ ރަނގަޅު ގޮތްކަން އޭނާއަށް ގަބޫލު ކުރެވި އިސްލާމް ދީން ގަބޫލު ކުރަން ނިންމީ އެވެ.

އިސްލާމް ދީނުގެ ހިދާޔަތް ލިބިގަތް ދުވަހަކީ ހަޔާތުގެ އެންމެ އުފާވެރި ދުވަހުގެ ގޮތުގައި ސިފަކުރަމުން ޖޯޓާ ވަނީ ފައިސަލްއާއި އޭނާގެ އާއިލާއަށް ޝުކުރު އަދާކޮށްފަ އެވެ. އެއާއެކު އިސްލާމް ދީނުގެ މަގުގައި ސާބިތުވެ އެ މަގުގައި މަރުވެ ދިއުމަކީ އޭނާގެ އެންމެ ބޮޑު އުއްމީދު ކަމަށް ވެސް ޖޯޓާ ބުންޏެވެ.