2021 ވަނަ އަހަރު ކުރިއަށްދިޔަ ހޮލީވުޑްގެ ފިލްމު "ރަސްޓް"ގެ ޝޫޓިންގެ ތެރެއިން ހިނގި ހާދިސާއެއްގައި އެ ފިލްމުގެ އެކްޓަރު އެލެކް ބެލްޑްވިންއަށް ކުރިމަތިވާނެ ކަމަށް ބެލެވުނު ކޯޓު ހުކުމުން އޭނާ ސަލާމަތްވެއްޖެ އެވެ.

އެ ފިލްމުގެ ޝޫޓިންއަށް އެލެކް ބޭނުންކުރި ބަޑިއަކުން ވަޒަން އަރައި ފިލްމުގެ ޓެކްނީޝަނެއް މަރުވި މައްސަލާގައި އޭނާއާ ދެކޮޅަށް ކުރެވުނީ މީހަކު މަރާލުމުގެ ތުހުމަތެވެ.

އެހެން ނަމަވެސް އޭނާއާ ދެކޮޅަށް ކުރެވުނު ތުހުމަތުތަކަށް ބާރު ދެވޭނެ ހެއްކެއް ނެތް ކަމަށް ބުނެ ނިއު މެކްސިކޯގައި ބޭއްވި ޝަރީއަތުގެ ގާޒީން ވަނީ އެ މައްސަލަ ކޯޓުން ބޭރު ކޮށްލާފަ އެވެ.

އެލެކްގެ ދިފާއުގައި ވަކާލާތުކުރި ވަކީލުން ބުނެފައިވަނީ އެލެކް ބޭނުންކުރީ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އޭނާއަށް ދިން ބަޑިއެއް ކަމަށާއި އޭގައި އަސްލު ވަޒަން ހުރިކަން އޭނާއަށް ނޭނގޭ ކަމަށެވެ.

އެހެން ކަމުން އެ މަރަކީ އެލެކް ގަސްދުގައި އަރައިގަތް ކުށެއް ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށް ވަކީލުން ބުނެފައިވެ އެވެ. އެ އަސާސަށް ބިނާކޮށް ގާޒީން މައްސަލަ ބޭރުކޮށްލީ އެވެ.

ހަފްތާއެއްހާ ދުވަހަށް ދެމިގެންދިޔަ އެ ޝަރީއަތަކީ މި މައްސަލާގައި އެލެކްއާ ދެކޮޅަށް ކުރިއަށް ގެންދެވުނު ދެވަނަ ޝަރީއަތެވެ. ކުރިން ހުށައެޅުނު މައްސަލަ ވެސް ކޯޓުން ބޭރުކޮށްލީ އެވެ.